18 Sep 2012, 14:03
ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނާއި ދިމާލަށް ޕޭމަންޓްގަލެއް އެއްލި މީހަކު 3000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން 3000ރ. އިން މިއަދު ޖޫރިމަނާ ކޮށްފައި ވަނީ ނ. މިލަދޫ ނޫރާނީއާގޭ ހުސެއިން އަލީ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މާޗް މަހުގެ ފުރަތަމަ ދުވަހު މާލޭގައި ކުރި މުޒާހަރާގައި އޭނާ ބައިވެރިވެ، އަލިކިލޭގެފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވާ ސަރަހައްދުގައި ހުރެ ފުލުހުންނާއި ދިމާލަށް ޕޭމަންޓްގާ އުކާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ހުސެއިން އަލީގެ މައްޗަށް އެކުށް ސާބިތުވެފައިވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުގައި 3000ރ އިން ޖޫރިމަނާކޮށް އެފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ކްރިމިނަލް ކޯޓަށް ދެއްކުމަށް ވެސް ހުކުމުގައި ވެއެވެ.
"ފުލުހުންގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރި މީހަކަށް ހަމަލާދޭން މަސައްކަތް ކުރުމުގެ ކުށުން ހުސެއިން އަލީ ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މިބާވަތުގެ ކުށެއް ހުސެއިން އަލީގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތުގެ ގޮތުން ބުނެވި ދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ނ. މިލަދޫ ނޫރާނީއާގޭ ހުސެއިން އަލީ 3000ރ. އިން ޖޫރިމަނާކޮށް، މިފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުސެއިން އަލީ އަށް އަންގައި މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ މާޗް އެއްވަނަ ދުވަހު ބާއްވައި އެދުވަހު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން ހުށަހަޅުއްވަން ވަޑައިގަތުމުން މަޖިލިސް ހުޅުވުމުގެ ފުރުސަތު ނުދެއްވައި އެމްޑީޕީގެ މެންބަރު ވަނީ މަޖިލިސް ތެރޭ ހަމަނުޖެހުން ހިންގައި އަޑުގަދަކޮށްފަ އެވެ. އަދި އެދުވަހު އެމްޑީޕީއަށް ސަޕޯޓް ކުރާ ފަރާތްތައް ވަނީ މަޖިލިސް ހިމެނޭ ސަރަހައްދުގައި އާއި މަގުތަކުގައި މުޒާހަރާ ކޮށްފަ އެވެ.