އިންސްޓަގްރާމްގައި ދެ މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭ މަޝްހޫރު "ދަ މުސްލިމް އަންޑަޓޭކާ" އަހްމަދު ޚުރައިޝީ ހިއްސާކުރި ވީޑިއޯއެއްގައިވާ މީހާއަކީ ދިވެއްސެއް ނޫންކަން އެނގިއްޖެއެވެ.

އޮސްޓްރޭލިއާގައި މުސްލިމުންގެ ޖަނާޒާ ކަންކަން ބަލަހައްޓާ އަދި ދީނީ އެކިއެކި މައުލޫމާތު ހިއްސާކުރާ ޚުރައިޝީގެ މި ވީޑިއޯއަށް ދިވެހީންގެ ބޮޑު ސަމާލުކަމެއް ލިބުނީ، އޭނާ ވަޅުލި އުމުރުން 86 އަހަރުގެ "ކަމީރު ތަސީމް" އަކީ ދިވެހި މުސްލިމެއް ކަމަށް ވީޑިއޯގެ ކެޕްޝަންގައި ބުނެފައި އޮތުމުންނެވެ.

https://www.instagram.com/reel/DY-Wm7Ly-m6/?utm_source=ig_web_button_share_sheet

ޚުރައިޝީ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ކަމީރު ތަސީމް ކައިވެނިކޮށްގެން އުޅުނީ ޔަހޫދީ "ހޮލޯކޯސްޓް" އިން ސަލާމަތްވި އަންހެނަކާއެވެ. 1967 ވަނަ އަހަރު ކުރި މި ކައިވެންޏަށްފަހު، ދެމީހުންގެ ދީން ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އިހުތިރާމްކޮށް ލޯތްބާއެކު އެތައް އަހަރަކު ދިރިއުޅުނު ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އަދި އޭނާގެ އަންހެނުން މަރުވުމުން ވަޅުލާފައިވަނީ ގަބުރުސްތާނުގެ ޔަހޫދީންނަށް ހާއްސަ ބައިގައި ކަމަށާއި، ކަމީރު މަރުވުމުން އޭނާ ވަޅުލީ ހަމަ އެ ގަބުރުސްތާނުގެ މުސްލިމުންގެ ބައިގައި ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް، މިއީ ދިވެއްސެއް ކަމަށް ބުނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުމާއެކު އިތުރަށް ބެލިބެލުމުން އެނގުނު ގޮތުގައި އެއީ ދިވެއްސެއް ނޫނެވެ.

މިކަން ކަށަވަރުވަނީ އޭނާގެ އަންހެނުން އީވް ތަސީމްގެ ހަނދާނުގައި އޭނާ ލިޔެފައިވާ ފޮތަކުންނެވެ. އެފޮތުގައިވާގޮތުން އޭނާއަކީ ސްްރީލަންކާގެ ރަށްފުށު އަވަށަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއާއި އީވްއާ ދިމާވީ 1960ގެ އަހަރުތަކުގެ ތެރޭގައި ލަންކާގައެވެ.

ރަސްމީ އެއްވެސް މަސްދަރަކުން އެއީ ދިވެހި ރައްޔިތެއްކަން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.