ހަނގުރާމައާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އޭޝިއާގައި ހަނޑުލުގެ އަގު 20 ޕަސެންޓް އުފުލިއްޖެ ކަމަށް ވިޔަފާރީގެ ޚަބަރުތައް ގެެެނެސްދޭ ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ.

ފާއިތުވެ ދިޔަ 20 އަހަރު ތެރޭގައި ހަނޑުލުގެ އަގު މިހާ ބޮޑަށް އުފުލުނީ ހަނގުރާމައިގެ ސަބަބުން ގަސްކާނާ ލިބުން ދަތިވުމާއި މޫސުމީ ބަދަލުތަކުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އަގު އުފުލުން އެކަށީގެންވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޭޝިއާގެ ބެންޗްމާކެއް ކަމަށްވާ ތައިލެންޑްގެ ހުދު ހަނޑުލުގެ އަގު މެއި މަހު 20 ޕަސެންޓް އުފުލިފައިވާއިރު، މިއީ 2008 ވަނަ އަހަރުގެ ފަހުން މަހެއްގެ މައްޗަށް ބަލާއިރު، ހަނޑުލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެެވެ.

ޝިކާގޯ ބޯޑް އޮފް ޓްރޭޑްގެ ހަނޑުލުގެ އަގުވެސް މެއި މަހު ވަނީ 15 ޕަސެންޓް އުފުލިފައެވެ.

އަގުތައް ކުރިއަށް އޮތްތަނުގައި ވެސް އުފުލިދާނެ ކަމަށް މި މަހުގެ ކުރީކޮޅު ފިޗް ސޮލިއުޝަންސްގެ ޔުނިޓެއް ކަމަށްވާ ބީއެމްއައިގެ ކޮމޮޑިޓީސް އެނަލިސްޓް، މިސް ބިން ހޫއީ އޮންގް ވަނީ ވިދާޅުވެފައެވެ.

އޭޝިއާގެ ބައެއް ހިސާބުތަކަށް, އެލް ނީނޯގެ އަސަރު ކުރުމުގެ ސަބަބުން އިތުރަށް އުފެއްދުންތައް މަދުވެ، އަގު އުފުލިދާނެ ކަމަށް ވެސް އޮންގް ވިދާޅުވިއެވެ.

ހަނގުރާމައާ ގުޅިގެން ހުރްމުޒްް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ތެލާއި ގަސްކާނާގެ ސަޕްލައިއަށްވެސް ބުރޫއަރައިފައިވާއިރު، އިމްޕޯޓަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކުގެ ދަނޑުވެރިން ދަނީ ހަނޑޫ އުފެއްދުމަށް ކުރަންޖެހޭ ޚަރަދު އިތުރުކަން ފާހަގަކުރަމުންނެވެ.

ހަނޑުލަކީ އޭޝިއާ ސަރަހައްދަށް ވަރަށް މުހިންމު ކެއުމުގެ ބާވަތަކަށްވާއިރު، ތައިލެންޑު، ވިއެޓްނާމް އަދި އިންޑިއާއަކީ ބައިނަލްއަގުވާމީ މާކެޓަށް ހަނޑޫ ސަޕްލައިކުރާ ގައުމުތަކެވެ.

ހަނޑުލަކީ ގަސްކާނާ ގިނައިން ބޭނުންކުރާ ދަނޑުވެރިކަމުގެ ބާވަތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބާވަތަކަށްވާއިރު، އިންޓަނޭޝަނަލް ރައިސް ރިސާޗް އިންސްޓިޓިއުޓުން ބުނާ ގޮތުގައި ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން ތައިލެންޑާއި ކެމްބޯޑިއާ އަދި ފިލިޕީންސްގައި ނައިޓްރޯޖަން ގަސްކާނާގެ އަގު ވަނީ 40 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ.

އޭޝިއާގެ އުފެއްދުންތެރިކަން އެއްވެސް ވަރަކަށް ދަށްވެއްޖެނަމަ ދުނިޔޭގެ ސަޕްލައިއަށް އަސަރުކުރުން އެކަށީގެންވެއެވެ.

އެލް ނީނޯގެ ސަބަބުން ހަނޑުލުގެ އުފެއްދުން 700 މިލިއަން ކިލޯ ނުވަތަ އަހަރަކު އުފެއްދުމަށް ކަނޑައަޅާފައިވާ މިންވަރުގެ 3.5 ޕަސެންޓް މަދުވެދާނެ ކަމަށް ޕިލިޕީންސްއިން މިހާރުވެސް ވަނީ ބުނެފައެވެ.