31 May 2026, 10:31
އައްޑޫ ސިޓީ ހިތަދޫގައި ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން, އެހީތެރިވުމަށް ހަރަކާތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، އައްޑުއަށް މިހާރު ކުރާ ވިއްސާރަގައި ގަދަ ވަޔާއެކު ފުރާޅު އެއްލާލީ، ހިތަދޫ ހުޅުދުއާގެއާއި އޯކަމްލިވާ ގޭގެއެވެ.
އެހެންވެ، އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.
'ސަން'އިން ސުވާލުކުރުމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މިއަދު ފަތިހު އެ ގެތަކުގެ ފުރާޅު އެއްލާލައިގެން ކައުންސިލަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ވަގުތު ބޯވާރެޔާއެކު، ދިރިއުޅެން ދަތިވާ ވަރަށް އެ ގެތަކަށް ވާރޭ ވެހުނު ނަމަވެސް، ވަގުތީ ބޯހިޔާވަހިކަމަށް ނުވަތަ އެހެން ގެއަކަށް ބަދަލުނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރާކަން ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑުއަށް ކުރިއަށް ލަފާކުރެވޭ މޫސުމަށް ބަލާއިރު، މިއަދު ވިއްސާރަ ކުރި ނަމަވެސް މާދަމާ ކުޑަކޮށް މޫސުން ރީތިވާނެ ކަމަށް މެޓުން ބުނެއެވެ. އެކަމަކު، އަންގާރަ ދުވަހާއި ބުދަ ދުވަހު ކޮންމެވެސް ވަރަކަށް ވިއްސާރަކޮށް، ވައި ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެހެންވެ، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.