18 Sep 2012, 13:35
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން ގޮޅި ބޭނުން ކުރާތާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ގުރުއަތާ ނުލައި ގޮޅި ދޫކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިގޮތަށް ހަމަޖެއްސީ މިދިޔަ މަހު މާރުކޭޓު ގޮޅިތައް ހުސްކުރަން އެ ކައުންސިލުން އެންގުމުން ޒަމާނުއްސުރެ ގޮޅިތަކުގައި ވިޔަފާރި ކުރަމުން އައި ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުުކުރުމާ ގުޅިގެންނެވެ.
ކައުންސިލަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ޝަކުވާތަކާ ގުޅިގެން ބެލިއިރު އެތަނުގައި ކުރިންސުރެ ވިޔަފާރި ކުރަމުން އަންނަ ގިނަ ބަޔަކު ތިބި ކަމަށެވެ. އެފަދަ ވިޔަފާރިވެރިންނަށް އެއްވެސް ޝަރުތަކާ ނުލައި އެގްރީމެންޓް އާކޮށްގެން ގޮޅީގައި ވިޔަފާރި ކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"އެގްރީމެންޓެއްގެ ދަށުން ގޮޅިތައް ދީފައިވާ މީހުންނަށް އެތަނުގައި ތިބެވޭނެ، ގުރަކަށް ނުގޮސް. ނަމަވެސް އެއީ އެތަނުގައި އަމަލީ ގޮތުން އުޅެމުން އަންނަ މީހަކަށްވާން ޖެހޭނީ، އެފަދަ މީހުންނަށް އެއިރެއްގަ އޮންނަ ސަރުކާރުން ކަނޑައަޅާ އަގެއްގައި އެތަނުގައި ތިބެވޭ ގޮތަށް ގަވާއިދު މި އެކުލަވައިލަނީ،" ޝުޖާއު ވިދާޅުވި އެވެ.
ގޮޅިތައް ދޫކުރުމާބެހޭ އުސޫލުތައް ހިމެނޭ ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް މިއަދު ނިންމައި އަންނަ ހަފުތާގައި އަލުން ގޮޅިތަކުގެ އެގްރީމެންޓް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގޮޅިތަކުގައި ވިޔަފާރި ކުރުމުގައި ދުވަސްވީ މީހުންގެ ގޮތުގައި ގާތްގަނޑަކަށް 70 އެއްހާ މީހުން އެބަ ތިއްބެވެ. މިހާރު ގޮޅިތަކަށް ދެނީ މަހަކު 1000ރ. އަށް ނަމަވެސް އާ އެގްރީމެންޓާއެކު ގޮޅިއަކުން މަހަކު 2500ރ. ނަގާނެ އެވެ