ދަ ހެޕިނަސް ކްލަބުން ތައްޔާރުވާ "ވަރަށް ލޯބިވޭ" އިވެންޓަށް ތައްޔާރުވުމުގެ ތެރޭގައި، އަޅުގަނޑުގެ ހިތުގައި ވަރަށް މުހިންމު ސުވާލެއް އުފެދުނެވެ. އެއީ، ހަގީގީ ލޯބިން ކުރެވޭނެ އިހުސާސަކީ ކޮބައި ހެއްޔެވެ؟ މި ސުވާލަކީ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގެ ބިންގަލާ ގުޅިފައިވާ، ނަމަވެސް މާނަ ކުރުމުގައި ގިނަ ފަހަރަށް އޮޅުންތަކެއް އަރާ ސުވާލެކެވެ.

ލޯތްބަކީ ހަމައެކަނި ބުނެލާ ބަހަކުން ވާކަމެއްނޫނެވެ. އެއީ އެއާއިގުޅިފައިވާ ޖަޒުބާތުތަކާއި އެއާއިވިދިގެން ކަންކުރާގޮތާއި – ހަމައެއާއެކު އެއްވެސް ޝަރުތެއްނެތި ދެވޭ އޯގާވެރިކަމާއި އަޅާލުން ހިމެނޭ ގުޅުމަކަށް ކިޔާނަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާއިރު، މައިންބަފައިންނާއި، ކާފަމާމައިންނާއި، މުދައްރިސުންނާއި، އަދި ކުދިން ބަލަހައްޓާ ފަރާތްތަކަކީ އެކުދިންދެކެ އިންތިހާއަށް ލޯބިވާ ބައެކޭ ދެންނެވިދާނެއެވެ. އެފަރާތްތަކުން އެކުދިންގެ މުސްތަގުބަލަށްޓަކައި އެވަނީ އިހުލާސްތެރި ގުރުބާނީތަކެކެވެ.

ނިދި ނަގާލައި، އަމިއްލަ އަރާމާއި އުފާ ދޫކޮށްލައި، ކުދިންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކުރާ މަސައްކަތަކީ އޭގެ ނިޔަތް ނުހަނު ރަނގަޅު ކަންކަމެވެ. އަދި ކުދިންނާ މެދު ކުރާ އުންމީދުތަކަކީވެސް އިޚްލާޞްތެރި އުންމީދުތަކެކެވެ. ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވަނީ އެމީހެއްގެ ދަރިފުޅަކީ މުޖުތަމައުގައި އަގުހުރި، ކާމިޔާބު މީހަކަށް ވުމަށެވެ.

ނަމަވެސް، ބައެއް ފަހަރު އަޅުގަނޑުމެންގެ ނިޔަތް ކިތަންމެ ރަނގަޅުވި ނަމަވެސް، ލޯބި ފާޅުކުރެވޭ ގޮތުން ދެވޭ މެސެޖު މުޅިން ތަފާތުވެދާނެއެވެ. މެދުކެނޑުމެއްނެތި ފާޑުކިޔުމާއި، ކުދިކުދި ކަންކަމާ ހަޅޭއްލެވުމާއި، އެހެން ކުދިންނާ އަޅާކިޔުމަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނައިންފެންނަ ނުރަނގަޅު އާދަތަކެކެވެ.

ކާމިޔާބީއެއް ހޯދުމުން ނޫނީ ބަލައިނުގަންނާނެކަމުގެ އިހުސާސެއް ކުއްޖާއަށް ކުރެވޭނަމަ، އެކުއްޖާއަށް ލޯތްބަކީ 'ޝަރުތުތަކެއް' ފުރިހަމަވެގެން ލިބޭ އެއްޗެއްގެ ގޮތުގައި ފެންނަން ފަށާފާނެއެވެ. އޭރުން ލޯތްބަކީ ބުރަމަސައްކަތުން ހޯދަންޖެހޭ ނުވަތަ ކުށެއް ކުރެވިއްޖެނަމަ ބީވެދާނެ އެއްޗަކަށް ވެގެންދެއެވެ. މިއީ ކުއްޖެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ހަގީގަތުގައި ލޯތްބަކީ ބަދަލުކުރެވޭ މުއާމަލާތަކަށް ވެގެންނުވާނެއެވެ. މުއާމަލާތެއްގައި އޮންނާނީ މީހަކު ކޮށްދޭކަމަކުން އޭގެ ބަދަލެއް ލިބުމެވެ. އޭރުން އެވާނީ ވިޔަފާރިއަކަށެވެ. މިސާލަކަށް، އިމްތިހާނުން ރަނގަޅު މާކްސްއެއް ލިބުމުން މޫނު އުޖާލާވެފައި، ދަށް މާކްސްއެއް ލިބުމުން މޫނު ބަދަލުވެ، ވާހަކަ ނުދައްކާ ހުރުމަކީ ކުއްޖާއަށް "ލޯބި ލިބެނީ މާކްސްއަށް" ކަމުގެ މެސެޖު ދެވޭ ކަމެކެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ކުދިން ގަބޫލުކުރަން ފަށަނީ ލޯބި ލިބުން ބިނާވެފައިވަނީ ކިޔަމަންތެރިކަމާއި، ފުރިހަމަކަމާއި، ނުވަތަ އެހެން މީހުން ރުއްސުމުގެ މައްޗަށް ކަމަށެވެ. މިއީ އަބަދު އެއަށް ބަރޯސާވާންޖެހޭ ކަމުގައިވާނަމަ، ވަރަށް ހިތްދަތި ކަމެކެވެ. މިގޮތަށް ދިމާވާ ކުދިން އެމީހުންގެ ބިރުވެރިކަމާއި، މާޔޫސްކަމާއި، އަދި ހަގީގީ އިހުސާސްތައް ފޮރުވަން ފަށައެވެ. ބޭރުފުށުން ހަމަހިމޭންކަން ފެނުނުކަމުގައި ވިޔަސް، އެތެރެއިން އެކުދިންނަށް އިހުސާސް ކުރެވެނީ ބޮޑު އެކަނިވެރިކަމެކެވެ. އެކުދިންނަށް ހީވަނީ އެކުދިންގެ އުނިކަން ހާމަވެއްޖެނަމަ، އެކުދިންދެކެވާ ލޯބި ބީވެދާނެ ކަމަށެވެ.

ކޮންމެ ކުއްޖަކީވެސް، އެކުއްޖާއަށް ސަމާލުކަން ލިބުމަށާއި، އަޑުއަހާކަމާއި ތިމަންނައަކީ މުހިންމު ކުއްޖެއްކަމުގެ އިހުސާސް ކުރެވެން ބޭނުންވާ ކުއްޖެކެވެ. މިއީ އިންސާނީ ތަބީއަތުގައި ވެސް ލައްވާފައިވާ އަސާސީ ބޭނުމެކެވެ.

ރައްކާތެރި މާހައުލަކުން – އާއިލާގެ ތެރެއިން ނުވަތަ ގޭތެރެއިން މި ބޭނުންތައް ފުރިހަމަނުވުމުން، ކުދިން އެހެން ދިމާދިމާއިން އެކަންކަން ހޯދަން މަސައްކަތް ކުރެއެވެ. ނުރަނގަޅު ނުފޫޒުތަކާއި، ގޭންގުތަކާއި، އަދި ނާޖާއިޒު ފައިދާ ނަގާ މީހުންގެ މަޅީގައި ބައެއް ކުދިންނާއި ޒުވާނުން ޖެހޭ މައިގަނޑު އެއްސަބަބަކީވެސް މިއީއެވެ.

ބައެއް ފަހަރު ކުދިންގެ ކިބައިން ފެންނަ ނުރަނގަޅު އުޅުމަކީ، ހަގީގަތުގައި ޒަހަމްވެފައިވާ ހިތަކުން ކުރާ އާދޭހެކެވެ. އެއީ ބަހުން ބުނަން ނޭނގޭ އިހުސާސްތަކެއް އަމަލުން ދައްކައިދިނުމެވެ. އެކުދިން ކުރާ ސުވާލަކީ "އަހަރެންނަށް ކުށެއް ކުރެވުނަސް، އަދިވެސް އަހަރެން މިއީ ތިޔަ އާއިލާގެ ބައެއްކަމުގައި ބަލައިގަންނާނަން ހެއްޔެވެ؟" ނުވަތަ "އަހަރެން ފެއިލްވިޔަސް އަދިވެސް އަހަރެންދެކެ ލޯބިވާނަން ހެއްޔެވެ؟" މިސުވާލުގެ ޖަވާބަކީ ކުއްޖާގެ މުސްތަގުބަލުގެ މިސްރާބު ކަނޑައަޅާނެ ކަމެކެވެ.

އަޅުގަނޑުމެންގެ ކުދިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އެއްވެސް ޝަރުތަކާ ނުލައި ލޯބިވުމެވެ. މީގެ މާނައަކީ ކުއްޖާ ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލުމެއް ނޫނެވެ. ނުވަތަ ނުރަނގަޅު ކަންކަމަށް ހިތްވަރު ދިނުމެއްވެސް ނޫނެވެ. ކުށް އިސްލާހު ކުރަންވާނެއެވެ. ރަނގަޅުގޮތް ބުނެދޭން ޖެހޭނެއެވެ. އެކަމަކު ކުއްޖާގެ ކަރާމާތް ނަގާނުލާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ފުނޑުފުނޑު ކޮށްނުލައެވެ.

ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް އެނބުރި އަންނާނެ – ތިމަންނަ ބަލައިގަންނާނެ ތަނެއް އޮތްކަމުގެ ޔަގީންކަން ކުއްޖާއަށް ދެމާ ހިންގަވާށެވެ. މިފަދަ ރައްކާތެރިކަން އިހުސާސުކުރެވޭ ކުއްޖަކު – ކަންކަން ހިއްސާކުރުމަށާއި، އެހީއަށް އެދުމަށާއި، އިތުބާރު ކުރުމަށް ފަހެއް ނުޖެހޭނެއެވެ. އޭނާ ދޮގު ހަދާކަށް ނުޖެހޭނެއެވެ. ސަބަބަކީ ހަގީގަތް އެނގުނަސް ލޯބި ގެއްލިދާނެ ކަމުގެ ބިރެއް ނެތުމެވެ.

ލޯތްބަކީ މުއާމަލާތެއް ނޫނެވެ. އެއީ ކާމިޔާބީގެ މައްޗަށް ބިނާވާ އެއްޗެއްވެސް ނޫނެވެ. އެއީ އެއްވެސް ޝަރުތެއް ނެތް އަސާސެކެވެ. "ވަރަށްލޯބިވޭ" ގެ އަސްލު މެސެޖަކީ ވެސް މިއީއެވެ. މީހުންނަށް ލޯބި ލިބޭކަން އިހުސާސުވުމުން، އެމީހުންނަށް ރައްކާތެރިކަން ލިބެއެވެ. ރައްކާތެރިކަން ލިބުމުން، މީހުންގެ ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުވެ، ހުރިހާ ދާއިރާއަކުން ކުރިއަރައިދިއުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި އެމީހުން ކުރިއަރައިދިއުމުން، މުޅި މުޖުތަމައު ދުޅަހެޔޮވެ، އޯގާތެރިވެގެންދެއެވެ.

އޯގާތެރިކަމާއި އަޅާލުމުގެ ބިންގަލުގެ މަތީގައި އުފެދޭ މުޖުތަމައަކީ ހަގީގީ އަމާންކަން ލިބިފައިވާ ތަނެކެވެ. އެހެންކަމުން، ލޯތްބަކީ ކާމިޔާބީއަކަށް ނުވަތަ މީހުންގެ ރުހުމަށް ބިނާވެފައިވާ "އިނާމެއް" ނޫންކަން އަޅުގަނޑުމެންގެ ދަރިންނަށް ބަހާއި އަމަލުން ދަސްކޮށްދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ކިބައިގައި އޮތް އެންމެ މުހިންމު ވާޖިބެކެވެ.

ލޯތްބަކީ ހިލޭ ދެވޭ އިހުސާންތެރިކަމުގެ ހަދިޔާއެއްގެ ގޮތުގައި ބަލައިގަންނަ ވިސްނުމެއްގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތުކޮށްފިނަމަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ހިތްހެޔޮ އަދި އުފާވެރި ޖީލެއް ބިނާވެގެންދާނެއެވެ.