ކައިވެންޏަށް 41 އަހަރުވީއިރު ކިރަންގެ އަތުން ގިރާފައިވާ ސައިތަށްޓެއް ވެސް ލިބިފައެއް ނެތް: އަނޫޕަމް
ކައިވެންޏަށް 41 އަހަރުވީއިރު ކިރަންގެ އަތުން ގިރާފައިވާ ސައިތަށްޓެއް ވެސް ލިބިފައެއް ނެތް: އަނޫޕަމް

އިންޑިއާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެތެރޭ ހިމެނޭ އަނޫޕަމް ކޭރް އާއި އަންހެނުން އަދި ކުރީގެ ބަތަލާ ކިރަން ކޭރްގެ ކައިވެންޏަށް 41 އަހަރުވެފައިވާއިރު ކައިވެނީގެ ދިގު ދަތުރާ ގުޅޭގޮތުން އެކްޓަރު ވަނީ ދާދިފަހުން ވާހަކަ ދައްކާފައެވެ.

އަނޫޕަމް ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ކިރަންއާ އިނދެގެން މިހާ ދުވަސްވީއިރު ކިރަންގެ އަތުން ގިރާލާފައިވާ ސައިތަށްޓެއްހާ މިންވަރުވެސް އެކްޓަރަށް ލިބިފައިނުވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކިރަންގެ ކިބައިގައި ސައިތަށްޓެއް ބޯންދެވޭވަރުގެ ކެއްކުމުގެ ހުނަރުވެސް ނެތުން ކަމަށް ސަމާސާ ރޫޙެއްގައި އަނޫޕަމް ވަނީ ބުނެފައެވެ.

ހަމައެއާއެކު އަނޫޕަމް ވަނީ މީގެ އަހަރުތަކެއް ކުރިން ކިރަންއަށް ކެންސަރު ބަލި ޖެހުމުން އާއިލާއަށް ކުރިމަތިވި ހިތްދަތި ދުވަސްތަކާއި، ދަރިފުޅު، އެކްޓަރު ސިކަންދަރު ކޭރްއާ އެކު އޮންނަ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ.

އަނޫޕަމް އާއި ކިރަންގެ މެދުގައި އޮތް ގާތް އެކުވެރިކަން ލޯތްބަށް ބަދަލުވެ، ދެމީހުން ކައިވެނީގެ ގޮތުން ގުޅުނީ 1985 ވަނަ އަހަރުއެވެ. ދެމީހުންގެ ކުރީގެ ކައިވެނިތައް ނާކާމިޔާބުވުމުން، އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދިއެވެ.

މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި، 2020 ވަނަ އަހަރު ކިރަންއަށް ކުރިމަތިވި ކެންސަރު ބަލީގެ އުނދަގޫތަކުގައި ވެސް އެކަކު އަނެކަކަށް ދިނީ ވަރުގަދަ އެހީތެރިކަމެކެވެ.

އަނޫޕަމް ދޮން ދަރިފުޅު ސިކަންދަރު ކޭރްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަނޫޕަމް ކިޔައިދިން ގޮތުގައި، ކިރަންގެ ބަލި ޚަބަރު ލިބުނީ އެމެރިކާގެ އެންބީސީގެ މަޝްހޫރު ސިލްސިލާ "ނިއު އެމްސްޓެޑަމް"ގެ މަސައްކަތުގައި ނިއު ޔޯކްގައި ހުއްޓައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން ދިޔަ "ނިއު އެމްސްޓެޑަމް"އިން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބޮޑު އާމްދަނީއެއް ލިބެމުން ދިޔަ ނަމަވެސް، ކިރަންގެ ބަލީގެ ޚަބަރު ލިބުމާއެކު އެންމެ އިސްކަމެއް ދިނީ އާއިލާއަށް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އުމުރުން 71 އަހަރުގެ އަނޫޕަމް ބުނިގޮތުގައި، ދެ މީހުންގެ މިޒާޖު ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އަބަދުވެސް އެހީތެރިވެއެވެ. ކިރަން އަކީ ވަރަށް ޖަޒުބާތީ، ހާމަކަން ބޮޑު އަދި ހިތުގައި އޮންނަ އެއްޗެއް ސީދާ ބުނެލާ މީހެއް ނަމަވެސް، އޭނާއަކީ ދިރިއުޅުމުގެ ކަންކަމުގައި މަޑުމައިތިރިކަމާއި ހިކުމަތްތެރިކަން އިސްކުރާ މީހެއްގެ ގޮތުގައި އަނޫޕަމް ވަނީ ސިފަކޮށްފައެވެ.

ގޭގެ ދިރިއުޅުމުގެ ވާހަކަ ދައްކަމުން އަނޫޕަމް ބުނީ، ކިރަންއަކީ ބިސްގަނޑެއްހާ މިންވަރު ވެސް ތައްޔާރުކޮށްލަން ނޭނގޭ މީހެއް ކަމަށާއި، އުންމީދަކީ ކޮންމެވެސް ދުވަހަކުން ކިރަންގެ އަތުން ތައްޔާރުކޮށްފައިވާ މީރު ކެއުމެއް ނުވަތަ ސައިތަށްޓެއް ނަމަވެސް ލިބުން ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އަނޫޕަމް އާއި ކިރަން އަކީ ހިންދީ ސިނަމާގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ދެމަފިރިން ކަމަށްވިޔަސް އެއީ މީޑިއާތަކާއި ވަރަށް ދުރުގައި އުޅޭ ދެމަފިރިންކަން ފާހަގަކޮށްލެވެއެވެ.