ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ.

ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅަށް ފަހު މިރޭ ރައީސް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް ނުރަސްމީ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ކުރައްވައިފައިވާއިރު، މި ދަތުރުފުޅުގެ މަގުސަދާ ގުޅޭ ގޮތުން ސިޔާސީ ބައެއް ބޭފުޅުން ވާހަކަދައްކަވައިފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އެހެން ވިދާޅުވީ، ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން، ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައި ވަނިކޮށެވެ. އެ ގަރާރުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފައިވާއިރު، އެކަމާ ގުޅޭ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ނަޝީދު އެހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 'ސަން' ވަނީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށް ވިދާޅުވެފައެވެ.