30 May 2026, 23:25
އއ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް، ކަނޑުވި 20 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ލޯންޗަކީ ކޮންސްޓެންސް ހަލަވެލި ރިސޯޓުގެ ބޭރު ކަނޑުން ދަތުރުކުރަމުންދިޔަ "ވައިޓް ސޭންޑް ޝާކް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
ފުލުހުން ބުނީ އެ ލޯންޗު ފެތެމުންދާކަމަށް އެ މުއައްސަސާއަށް މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:44 ހާއިރު ކަމަށެވެ.
އެ ލޯންޗަކީ ފަތުރުވެރިންވެސް ދަތުރުކުރަމުންދިޔަ ލޯންޗެއް ކަމަށާއި ލޯންޗުގައި ފަތުރުވެރިންނާއެކު ޖުމްލަ 20 މީހުން ތިބިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ ހާދިސާ ހިނގި ވަގުތު ބައެއް މީހުން މޫދަށް ފުންމާލި ނަމަވެސް، ފުލުހުން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށެވެ.
މި ހާދިސާއަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފްއިންވެސް އެޓެންޑުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.