31 May 2026, 08:19

ފްރާންސްގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބިއަރިޓްޒް ފިލްމް ފެސްޓިވަލްގެ ޖޫރީ މެމްބަރަކަށް އިންޑިއާގެ ޒުވާން އެކްޓަރު އިޝާން ހައްތަރު ހޮވިފައިވާކަން އިއުލާނުކޮށްފިއެވެ.
ބިއަރިޓްޒް ފިލްމް ފެސްޓިވަލްގެ ހަތަރު ވަނަ އެޑިޝަނުގެ ޖޫރީ މެންބަރެއްގެ ގޮތުގައި އިޝާން ޚައްތަރު ހަމަޖައްސައިފިކަން އެ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ފެސްޓިވަލްގެ ޖޫރީގައި އިޝާންގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނުން ކަމަށްވާ ކްރިސްޓަން ސްޓެވާޓް، ވިޓްނީ ޕީކް އަދި ރަފައެލް ކްއެނާޑް ބައިވެރިވާނެއެވެ.
މި އަހަރުގެ ފެސްޓިވަލްގެ ރިޔާސަތު ބަލަހައްޓާނީ ހޮލީވުޑްގެ މަގުބޫލު ފްރެންޗައިސް "ޓްވައިލައިޓް"ގެ ބަތަލާ ކްރިސްޓިން ސްޓެވާޓްއެވެ.

ބިއަރިޓްޒް ފިލްމު ފެސްޓިވަލްގެ ޖޫރީންގެތެރޭ ހިމެނޭ މެމްބަރުން--ފޮޓޯ/އިންޑިއާޓުޑޭ
ޒުވާން ފަންނާނުންނާއި އަލަށް މި ދާއިރާއަށް ނުކުންނަ ހުނަރުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ބޮޑު ސިނެމާ ފެސްޓިވަލްގެ ޖޫރީގައި ފަރަންސޭސި ފިލްމް ޕްރޮޑިއުސަރު ނޭތަން އެމްބްރޯސިއޯނީ، އެކްޓަރު ސޫޒީ ބެމްބާ، އިޓަލީގެ ޑައިރެކްޓަރު ކެރޮލީނާ ކަވަލީ އަދި އިނގިރޭސި އެކްޓަރު އެސްމޭ ކްރީޑް-މައިލްސް ވެސް ހިމެނެއެވެ.
މި އަހަރުގެ ފެސްޓިވަލް ކުރިއަށްދާނީ މި ފެށޭ ޖޫން މަހުގެ 23އިން ފެށިގެން އެ މަހުގެ 28ގެ ނިޔަލަށެވެ. މި ފެސްޓިވަލް މި އަހަރުވެސް އޮންނާނީ ސަދަންވެސްޓަން ފްރާންސްގައި އޮންނަ ބިއަރިޓްޒްގައެވެ.
ފިލްމު "ދަޅަކް"، "އަ ސޫޓަބަލް ބޯއި" އަދި "ހޯމްބައުންޑް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިޝާން ވަނީ ނެޓްފްލިކްސްގެ މިނީ ސީރީޒް "ދަ ޕާފެކްޓް ކަޕްލް"އިން ހޮލީވުޑަށް ވެސް ތައާރަފްވެފައެވެ.
މީގެ އިތުރުން، ފިލްމު "ޕިޕާ"ގައި އިޝާން އަދާކުރި ކެވަލްރީ އޮފިސަރެއްގެ ރޯލާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާގެ "45 ކެވަލްރީ"ގެ އޮނަރަރީ މެންބަރުކަން ވެސް ދާދި ފަހުން އިޝާންއަށް ވަނީ އަރުވާފައެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން އެކްޓަރުންގެތެރޭ ހިމެނޭ އިޝާން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބޮޑު ތަރުހީބެއް ހޯދި ޑައިރެކްޓަރު ނީރަޖް ގައިވާންގެ "ހޯމްބައުންޑް"އެވެ.
މި ފިލްމު ވަނީ މިދިޔަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ދައްކާލައި، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ހޯދާފައެވެ. ހަމައެއާއެކު މި އަހަރުގެ އޮސްކާ އެވޯޑުގައި ވާދަކުރުމަށް އިންޑިއާއިން ހޮވި ފިލްމަކީ ވެސް އިޝާން މުހިއްމު ރޯލެއް ކުޅުނު "ހޯމްބައުންޑް"އެވެ.
އިޝާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޕަލާޝް ވަސްވާނީގެ ފިލްމު 'ޖުގާޑޫ'އިންނެވެ.