ޗެމްޕިއަންސް ލީގުގެ ގުރޫޕް ޑީގައި މިރޭ ރާއްޖޭ ގަޑިން 11:45 ގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނީ ރެއާލް މެޑްރިޑްގައި މިވަގުތު ތިބި އެންމެ ހުނަރުވެރި އަދި އެންމެ ވަރުގަދަ 11 ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ ބުނީ މިރޭގެ މެޗަކީ ފޯރިގަދަ ވާނެ މެޗެއް ކަމަށާއި އެގޮތުން އަމިއްލަ ބާރުގައި މިމެޗް ކުޅެން ޖެހުމުން ރެއާލްއަށް މޮޅެއް ހޯދުން ވަރަށް މުހިންމު ކަމަށެވެ. އަދި އިދިކޮޅު ސިޓީއަކީ ވާދަވެރި ވަރުގަދަ ޓީމަކަށް ވީއިރު، އެޓީމްގައި ތިބީ ވެސް ރެއާލްގެ ކުޅުންތެރިންނަށް ދޫނުކުރާ ވަރުގެ ތަޖުރިބާ ކާރު މުހިންމު ކުޅުންތެރިން ތަކެއް ކަމަށެވެ.

"ސިޓީ އަތުން މޮޅުވުން ރެއާލްއަށް މުހިންމު. ދެ ޓީމްގައި ވެސް ތިބީ ވަރުގަދަ ކުޅުންތެރިން. އެހެންކަމުން ސީޓީއާ ދެކޮޅަށް ނުކުންނާނީ ރެއާލްގެ އެންމެ ވަރުގަދަ 11 ކުޅުންތެރިން." މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ސިޓީގެ ފޯވާޑުންނަށް ހާއްސަ ނަޒަރަކުން މިރޭ ބަލާނެ ކަމަށާއި އެގޮތުން އެކަން ކުރެވޭ ވަރުގެ ގާބިލް ޑިފެންޑަރުން ރެއާލްގައި އެބަތިބި ކަމަށެވެ.

ސިޓީއާދެކޮޅަށް ރެއާލް މިރޭ ނިކުނައިރު، ސްޕެއިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން ރެއާލް ވަނީ 1-0 ލަނޑުން ބަލިވެފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސިޓީއާ ދެކޮޅަށް ރެއާލް މިރޭ ނިކުނައިރު، ރެއާލްއަށް ވަނީ އެންމެ ފަހުން އެޓީމް ކުޅުނު މެޗުން ބަލިވުމުން ގިނަ ފާޑު ކިޔުންތަކާ އަމާޒް ވެފައެވެ. އެގޮތުން ޓުވިޓާ އާއި ފޭސްބުގައި ރެއާލްގެ ކުޅުންތެރިންނަށް މިހާރަކަށް އައީސް ނުކުޅެވޭ ކަމަށް ބައެއް މީޑިއާ ރިބޯޓްތަކުގައި ބުނަފއި ވާއިރު، މިރޭގެ މެޗުން އިތުރު ބައްޔަކާ ކުރިމަތި ލާންޖެހުމަކީ ރެއާލްއަށް ލިބޭނެ އިތުރު ފާޑުކިއުންތަކެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ސިޓީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނީ، ރެއާލްގައި މޮޅެތި ކުޅުންތެރިން ތަކެއް ތިބިނަމަ ވެސް ސިޓީގެ އެއްވެސް ކުޅުންތެރިއަކު ފަހަތަށް ނުޖެހޭނެ ކަމަށާއި ސިޓީ ވެސް މެޗަށް ނިކުންނާނީ ރެއާލްގެ އަތް ދަށުން ސަލާމަތް ވުމުގެ އުންމީދުގައި ކަމަށެވެ. އަދި އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ މިރޭގެ މެޗުގައި ފެނުން ވަރަށް ގާތް ކަމަށް ވެސް މަންޗީނީ ބުނެފައެވެ.

ސިޓީއާއި ރެއާލް ބައްދަލުކުރާ މެޗުގެ އިތުރުން މިރޭ ޗެމްޕިއަންޝް ލީގުގައި އިތުރު ހަތް މެޗެއް ވެސް ކުޅޭނެއެވެ. އެގޮތުން މިހުރާ މެޗެއް ވެސް ކުޅޭނީ ރާއްޖެ ގަޑިން މިރޭ 11:45 ގައެވެ.