އެކްޓަރު އަދިތިޔަ ބައްޕައަކަށް ވަނީ
އެކްޓަރު އަދިތިޔަ ބައްޕައަކަށް ވަނީ

ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ އަނުޝްކާ ރަންޖަން އާއި އަދިތިޔަ ސީލްއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މި އުފާވެރި ޚަބަރު ދެމަފިރިން ހިއްސާކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކަކުންނެވެ. މި ފޮޓޯތަކުގައި އަނުޝްކާ ބަނޑުބޮޑުކަން ފެންނަން ހުރިއިރު، ދެމަފިރިން އެކުގައި ނަގާފައިވާ ވަރަށް ލޯބި ފޮޓޯތަކެއް ވަނީ ދައްކާލާފައެވެ.

މި ފޮޓޯތަކާ އެކު އަނުޝްކާ ބުނެފައި ވަނީ، އަލަތު ދަރިފުޅަށް ޓަކައި ކިތަންމެ ދިގު އިންތިޒާރެއް ވެސް ކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

އަދިތިޔަ އާއި އަނުޝްކާއަށް ކުއްޖަކު ލިބޭކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު ވަނީ ދެ ތަރިންނަށް މަރުހަބާ ކިޔާފައެވެ.

އަދިތިޔަ އާއި އަނުޝްކާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަނުޝްކާ ރަންޖަން ފާހަގަކޮށްލެވެނީ "ވެޑިންގް ޕުލާވް" އަދި "ބައްޓީ ގުލް މީޓަރު ޗާލޫ" ފަދަ ފިލްމުތަކުންނެވެ. މީގެ އިތުރުން ޒީ5ގެ "ފިތުރަތު" ސީރީޒްގައި ވެސް އަނުޝްކާ ވަނީ މަސައްކަތް ކޮށްފައެވެ.

ޒުވާން އެކްޓަރު އަދިތިޔަ ސީލް ފިލްމީ ދާއިރާއަށް ތައާރަފްވީ "އޭކް ޗޯޓީސީ ލަވް ސްޓޯރީ"އިންނެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ތުމް ބިން 2" އާއި "ސްޓޫޑަންޓް އޮފް ދަ އިޔަ 2" ހިމެނެއެވެ.

މި ދެ ތަރިން ކައިވެނީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުމްބާއީގައެވެ. ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ބީރަށްޓެހިކޮށް އުޅޭ މި ދެމަފިރިން އަންނަނީ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް އުފައްދައި އެ ޗެނަލް މެދުވެރިކޮށް ބެލުންތެރިންނަށް ކޮންޓެންޓް ގެނެސްދެމުންނެވެ.