މިއަހަރުގެ ޖޫން މަހުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު މިލިއަނަށް ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއިގުޅޭ ތަފާސްހިސާބުތައް ހާމަ ކުރުމަށް މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ޑްރަގް އެންފޯސްމަންޓްގެ ހެޑް ޗީޕް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އަޒުހާނު ވިދާޅުވީ 4361780 ރ.ގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށެވެ.

އަޒްހާނު ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 3366480ރ. ގެ މަސްތުވާތަކެތަކެއްޗަކީ ހެރޮއިން ކަމަށާއި އަދި 9953300ރ. ގެ މަސްތުވާތަކެއްޗަކީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވި ހަތަރު މަސްދުވަސްތެރޭގައި އަތުލައިގެން މަސްތުވާތަކެތީގެ ތެރެއިން 3366.4799 ގްރާމްސް މަސްތުވާތަކެއްޗަކީ ހެރޮއިންނެވެ. އަދި 3110.331 ގްރާމްސް އަކީ ކެނެބިސް އެވެ.

އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 324 މީހުން އަތުލައިގެންފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަ ކުދިންނާއި 12 އަންހެނުން ހިމެނޭ ކަމަށް ވެސް އަޒުހާނު ވިދާޅުވި އެވެ.

ހަތަރު މަސްތުވަސް ތެރޭގައި މަސްތުވާތަކެތީގެ 445 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން މައްސަލަތައް ތަހްގީގު ކުރުމަށް ދައުވާ ކޮށްދިނުމަށް އެދި 209 މައްސަލަ މިހާރު ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.

ތަހްގީގުތައް ނިންމުމަށް ފަހު ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި ޖޫން ފަސް ވަނަ ދުވަހު ގއ. ދާންދޫ ފެބްރުއަރީގޭ، ސައިފުﷲ ޙަސަން މަސްތުވާތަކެތި ބޭނުންކޮށް އެ ގެންގުޅެ، އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ޖޫން 15 ވަނަ ދުވަހު ހ. މޭފްލާވާގެ ކޮޓަރިއެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހަތުލައިގެން ހަތަރު މީހުންގެ މައްސަލަ ހިމެނޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މީގެ އިތުރުން ޖުލައި 8 ވަނަ ދުވަހު ލ. އިސްދޫ ރީތި، ހުސައިން އިބްރާހީމް އިތުރު ބަޔަކާއި ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

މިއަދު ހާމަ ކުރި ތަފާސްހިސާބުތަކަކީ ހަމަ އެކަނި މާލެ އިން އަތުލައިގެންފައިވާ މަސްތަކެއްޗާއި ގުޅޭ މަސްތުވާތަކެއް ކަމަށް އަޒުހާނު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއި ގުޅިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.