އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެންތުރޮޕިކް އިން 65 ބިލިއަން ޑޮލަރުގެ އައު ފަންޑިންއެއް ހޯދުމާއެކު، އެ ކުންފުނީގެ ބާޒާރުގެ އަގު 965 ބިލިއަން އެމެރިކާ ޑޮލަރަށް އުފުލިއްޖެއެވެ.

މި ކުރިއެރުމާއެކު، އެންތުރޮޕިކް އިން ވަނީ އޭއައިގެ ރޭހުގައި އެންމެ ވާދަވެރި އޯޕަންއޭއައި ފަހަތަށް ޖައްސާލާފައެވެ. އޯޕަންއޭއައިގެ އަގު އެންމެ ފަހުން މިދިޔަ މާރިޗު މަހު އަންދާޒާކުރިއިރު ހުރީ 852 ބިލިއަން ޑޮލަރުގައެވެ.

އެންތުރޮޕިކްގެބްލޮގް ޕޯސްޓެއްގައިހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ފެބުރުއަރީ މަހު އެ ކުންފުނީގެ އަގު 380 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު މިހާރު މިވަނީ ދެގުނައަށްވުރެ ބޮޑަށް އުފުލިފައެވެ. މިއީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އެންތުރޮޕިކްގެ އުފެއްދުންތަކަށް ޑިމާންޑްކުރާ ވަރު އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. މި މަހުގެ ކުރީކޮޅު އެ ކުންފުނީގެ އަހަރީ އާމްދަނީގެ ރޭޓު ވަނީ 47 ބިލިއަން ޑޮލަރަށް އަރާފައެވެ.

މި ފަހަރުގެ ސީރީޒް އެޗް ފަންޑިން ރައުންޑް ލީޑުކޮށްފައިވަނީ އަލްޓިމީޓާ ކެޕިޓަލް، ޑްރެގްނިއާ، ގްރީންއޯކްސް އަދި ސެކުއާ ކެޕިޓަލް ފަދަ އިންވެސްޓްމަންޓް ކުންފުނިތަކުންނެވެ.

މީގެ އިތުރުން ސެމްސަންގް، މައިކްރޮން އަދި އެސްކޭ ހައިނިކްސް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުންވެސް މި ބުރުގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އެމެޒޯން ފަދަ ކުންފުނިތަކުން ކުރިން އިންވެސްޓްކުރަން އެއްބަސްވެފައިވާ 15 ބިލިއަން ޑޮލަރުވެސް ހިމެނެއެވެ.

އެންތުރޮޕިކް އިން އަމާޒު ހިފާފައިވަނީ ކްލޯޑް ޗެޓްބޮޓަށް އޮތް ބޮޑު ޑިމާންޑާ އެއްވަރަށް ކޮމްޕިއުޓިން ކެޕޭސިޓީ އިތުރުކޮށް، އުފެއްދުންތައް ފުޅާކުރުމަށެވެ. ފަހަކަށް އައިސް ކްލޯޑް ބޭނުންކުރާ މީހުން ގިނަވެ ސާވަރުތަކަށް ބާރުބޮޑުވުމުގެ ސަބަބުން، ބާރުބޮޑުވާ ވަގުތުތަކުގައި ބޭނުންކުރެވޭ މިންވަރު ލިމިޓްކުރަންވެސް އެ ކުންފުންޏަށް ވަނީ މަޖުބޫރުވެފައެވެ.

މިހާރު ހޯދި ޕްރައިވެޓް ފަންޑިންއާއެކު، އެންތުރޮޕިކް އިން ދަނީ ހިއްސާގެ ބާޒާރަށް ނިކުތުމަށް (ޕަބްލިކް ލިސްޓިންއަށް) ތައްޔާރުވަމުންނެވެ.

އިންވެސްޓަރުން ބުނާ ގޮތުގައި އެންތުރޮޕިކް އަދި އޯޕަންއޭއައި އިންވެސް ލަސްނުވެ މިއަހަރުގެ ތެރޭގައި ހިއްސާގެ ބާޒާރަށް ނިކުމެ، އައު އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންވާ ބޮޑެތި ފަންޑުތައް ހޯދުމަށް ވަނީ ރާވާފައެވެ.