18 Sep 2012, 11:47
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ކުރީގެ ސަރުކާރުން ޖީއެމްއާރަށް ހަވާލުކޮށްފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެކެވަޑައިގަންނަވާ ގޮތް ޕާޓީތަކާ ހިއްސާ ކުރައްވައިފި ކަމަށް ބައެއް ޕާޓީތަކުން ބުނެފި އެވެ.
ރ. އަލިފުއްޓަށް މިއަދު ވަޑައި ގަތުމުގެ ކުރިން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ ޕާޓީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ޖީއެމްއާރުގެ އެގްރިމެންޓް އިތުރަށް ކުރިއަށް ގެންދިއުމަކީ ދައުލަތަށް އެންމެ ފައިދާ ކުރާނެގޮތް ނޫން ކަމަށް އެ ސިޓީގައި ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސް ޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވައި ރޭގެ ވަގުތެއްގައި އަޅުގަނޑުމެނަށް ވަނީ ސިޓީއެއް ލިބިފައި، އެ ސިޓީގައިވާ ގޮތުން މިހާރު އެ އެގްރިމެންޓްގައިވާ ގޮތަށް ކުރިއަށް ގެންދިއުމަކީ ދައުލަތަށް އެންމެ ފައިދާ ކުރާގޮތް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގެންނަވަކަމަށް ވޭ، ހަމައެއާއެކީގައި އެ އެގްރިމެންޓް ބާތިލު ކުރުމަކީ ވެސް ވަރަށް ބޮޑު މާލީ [ހޭދައެއް] އުފުލަންޖެހޭނެ ކަމެއް ކަމުގައި ރައީސް ޖުމްހޫރިއްޔާ ދެކެވަޑައިގެންނަވާކަމަށް އެ ސިޓިގައިވެއޭ. އެގޮތުން އަންދާޒާ ކޮށްފައި ވަނީ 700 މިލިއަންޑޮލަރު [ބަދަލުގެ ގޮތުގައި] ދައްކަންޖެހިދާނެ ކަމަށް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އެ އެގްރިމެންޓުން ބޭރުވާ ނަމަ ދައްކަންޖެހޭ 700 މިލިއަން ޑޮލަރަކީ ސަރުކާރަން ދައްކަން ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިޑާޅުވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުގެ ތަސައްވުރަށް ބަދަލެއް އަތުވެދާނެ ކަމަށާއި އަދި ހާރިޖީ ގޮތުން އިންޑިޔާ އާއި ރާއްޖެއާއި ދޭތެރޭ އޮންނަ ގުޅުމަށް އަރާފާނެ ބުރުލަކަށް ވިސްނަން ޖެހޭ ކަމަށް ވެސް ރައީސްގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ.
ތަސްމީން ވިދާޅުވީ ޑީއާރްޕީން އެކަމުގައި ގޮތެއް ނިންމާނީ ފުޅާކޮށް ވިސްނުމަށްފަހުގައި ކަމަށެވެ.
"މީގައި މިއުޅެނީ ދެ ކަމެއް. ބައެއް ބޭފުޅުން މިބުނަނީ މިއީ ސައްހަ އެގްރިމެންޓެއް ނޫނޭ. މި އެގްރިމެންޓް ކުރެވިދިޔަ ގޮތުން އެއެގްރިމެންޓަށް އަޅުގަނޑުމެން އަމަލުކުރާކަށް ނުޖެހެއޭ. މިއަދު އަޅުގަނޑުމެން މިތިބީކީ އަޅުގަނޑުމެން އެކަނި އެހެން ދައްނަވައިގެން ނިމޭ ހިސާބެއްގައެއް ނޫން. އެއަށް ވުރެ ފުރިހަމަ ނިޒާމެއް ބަލައިގެންފައި. އެހެންކަމުން އެ އެގްރިމެންޓަކީ ސައްހަ އެގްރިމެންޓެއްތޯ ނޫނީ ނޫންތޯ ކަނޑައެޅުމުގެ ބާރު މިއޮތީ ޝަރުއީ ދާއިރާއަށް،" ތަސްމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޖީއެމްއާރް މައްސަލައާ ގުޅިގެން ރައީސް އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީ މެދުވެރިކޮށް ހިއްސާކޮށްފައި ވަނީ މައްސަލައާ ގުޅޭ މައުލޫމާތުތައް ކަމަށެވެ.
"ރައީސް ހިއްސާ ކުރައްވާފައިވާ ވަނީ މައުލޫމާތުތަކެއް، އަޅުގަނޑު މިހާރު މި ދިރާސާކޮށްލަނީ،" އުމަރު ވިދާޅުވި އެވެ.
ޖީއެމްއާރް މައްސަލަގައި ރައީސް ދެކެވަޑައިގެންފައިވާ ގޮތް ހިއްސާ ކުރައްވާ ސިޓީ ފޮނުވާފައިވާ އިރު ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ "ރަސްމީ ގޮތުން އަޅުގަނޑަށް އަދި އަންގާފައެއް ނުވާ" ކަމަށެވެ.
ރައީސް އޮފީހުގެ އެހެން އޮފިޝަލަކު ވެސް ވިދާޅުވީ މައްސަލައާ ގުޅޭ ހިއްސާ ކުރުމެއް ޕާޓީތަކަށް ރައީސް ފޮނުއްވާފައިވާ ކަމަށެވެ.
ޖީއެމްއާރް މައްސަލައިގައި ޑިއާރްޕީ ފިޔަވައި ސަރުކަރުގެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ވަނީ ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމަށް، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ، އެކަން އިއްޔެ އިއުލާނު ކޮށްފައެވެ.
އެޕާޓީތަކުން ބުނެފައި ވަނީ އެ މަސައްކަތް ނިންމާފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށާއި ބޭނުން ވަނީ މިހާރުން މިހާރަށް ޖީއެމްއާރާއެކު ސަރުކާރުން ކޮށްފައިވާ އެގްރިމެންޓް އުވާލައި އޭގައި މައްސަލައެއް އޮތް ފަރާތެއް ނަމަ ދާން ޖެހޭނީ ކޯޓް މަރުހަލާއަށް ކަމަށެވެ.