މިހާރު އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެންމެން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅާން ޖެހޭގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ހަމަޖައްސައިފިއެވެ.

އެ ފިޔަވަޅާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ، އިންޑިއާ ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ދިވެހީން ވެސް އެސްޑީއެފް ފުރުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަންއިން ނެރެފައިވާ ބަޔާނެއްގައިވަނީ އިންޑިއާއިން އެ ފިޔަވަޅު އަޅައިފައިވަނީ, ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ އެބޯލާއަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާންމު ސިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައެޅުމުން ކަމަށެވެ.

އެހެނަކަމުން ދަތުރުކުރުމުގެ ކުރިން އެ ފޯމު ފުރިހަމަކުރުމަށް މޯލްޑިވިއަންއިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި އެ ފޯމު ފުރުމަށް ބޭނުންކުރާނޭ ކިއުއާރް ކޯޑުވެސް މޯލްޑިވިއަންއިން ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާއަށް ދަތުރުކުރުމަށްފަހު އިންޑިއާގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަންވާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މި ފިޔަވަޅުގެ ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން އިންޑިއާއަށް ދަތުރުކުރާ އެންމެންވެސް މި ފޯމު ފުރަންޖެހޭނެއެވެ.

ޑަބްލިއުއެޗްއޯއިންވަނީ އެބޯލާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ.

އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާއިން މިހާރު ވަނީ އެއާޕޯޓުތަކާއި އެ ގައުމަށް އެތެރެވެވޭ އެހެން ސަރަހައްދުތަކުގައި ސްކްރީން ކުރުމާއި ސަވައިލަންސް ވަރުގަދަކޮށްފައެވެ.

އަދި ކޮންގޯ، ޔުގެންޑާ، އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ ޓެކްނޮލޮޖީ ހަބްގެ ގޮތުގައި މަޝްހޫރު ބެންގަލޫރުން އެބޯލާ ވައިރަހަށް ޝައްކު ކުރެވިގެން ދާދި ފަހުން ޔުގެންޑާގެ އަންހެނެއް ކަރަންޓީނު ކުރިއެވެ. ނަމަވެސް އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ވަނީ ހާމަކޮށްފިއެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ވަޒީފާއަށާއި ތައުލީމު ހާސިލުކުރުމަށް ދިރިއުޅޭ އަދި ޗުއްޓީއަށާއި ބޭސްފަރުވާ އާންމުކޮށް ގޮސްއުޅޭ ގައުމެކެވެ.

އެބޯލާ އަކީ ވައިރަސް އަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލިޖެހިފައިވާ މީހެއްގެ ލޭ، އަދި އެހެނިހެން ޖިސްމީ ދިޔައިން ބަލި ފެތުރެއެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންގަދަވުމާއި ވަރަށް ބޮޑަށް ވަރުބަލިވުމާއި މަސްތަކުގައި ރިހުން ހިމެނެއެވެ. އަދި ހުޅުތަކުގައި ރިހުމާއި ބޮލުގައި ރިހުން ފަދަ އުދަނގޫތައް ވެސް ކުރިމަތި ކުރުވައެވެ.