އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާ ދިމާކޮށް އެބޯލާ ބަލި ފެތުރުން ހުއްޓުވުމަށް، އެފްރިކާގެ ސަރަހައްދުތަކުން ދަތުރުކުރާ މީހުންނަށް އަމާޒުކޮށް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން އިއުލާނުކޮށްފިއެވެ.

މި ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅުތަކުގެ މައިގަނޑު މަގްސަދަކީ މުބާރާތަށް ޒިޔާރަތްކުރާ މީހުންނާއި އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

ބުރާސްފަތި ދުވަހު ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، "ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުތުރު އެމެރިކާއިން މަރުޙަބާ ކިޔާއިރު، މި ސަރަހައްދުގެ ކޮންމެ މީހެއްގެ ސިއްހީ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް" ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.

އެމެރިކާއާއި ކެނެޑާއިން އެޅި ހަރުކަށި ފިޔަވަޅުތައް

އެމެރިކާ ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ޑީއާރުސީ، ޔުގެންޑާ ނުވަތަ ސައުތު ސޫދާނަށް ދަތުރުކޮށްފައިވާ ބޭރު ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާކޮށްފައެވެ. އަދި އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހުކުރު ދުވަހު ވަނީ، ފާއިތުވި 21 ދުވަހު އެ ގައުމުތަކުގައި އުޅެފައިވާ، ގްރީން ކާޑު އޮންނަ މީހުންނަށްވެސް އެމެރިކާއަށް ނުވަދެވޭނެ ކަމަށް ނިންމައިފައެވެ.

ކެނެޑާއިން ވެސް ވަނީ ޑީއާރުސީ، ޔުގެންޑާ އަދި ސައުތު ސޫދާނުގެ ރައްޔިތުން އެ ގައުމަށް ވަނުން 90 ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ. ކެނެޑާގެ ޕަބްލިކް ހެލްތު އެޖެންސީން ބުނި ގޮތުގައި، ބަލި ފެތުރޭ ސަރަހައްދުތަކުން އަންނަ ކެނެޑާގެ ރައްޔިތުންނާއި ދާއިމީ ރަށްވެހިންގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް، 21 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ.

މެކްސިކޯގެ އިރުޝާދުތައް

މެކްސިކޯގެ ހެލްތު ސެކްރެޓަރީ ޑޭވިޑް ކަރްޝެނޮވިޗް ވަނީ ވައިގެ ބަނދަރުތަކުގައި އެބޯލާއަށް ސްކްރީން ކުރުން ހަރުދަނާކޮށްފައިވާކަން ހާމަކުރައްވާފައެވެ. އޭނާ ވަނީ ޑީއާރުސީއަށް ދަތުރުނުކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވައި، އެ ގައުމުން އަންނަ މީހުން 21 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް އެދިވަޑައިގެންފައެވެ.