މޯހަންލާލްގެ 'ދްރިޝްޔަމް 3'އަށް ހަފުތާއެއްގެތެރޭ 23 މިލިއަން ޑޮލަރުގެ އާމްދަނީއެއް
މޯހަންލާލްގެ 'ދްރިޝްޔަމް 3'އަށް ހަފުތާއެއްގެތެރޭ 23 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ މޯހަންލާލްގެ މަޝްހޫރު ފްރެންޗައިސް "ދްރިޝްޔަމް"ގެ ތިން ވަނަ ފިލްމަށް ހަފުތާއެއްގެތެރޭ 23 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދަކަށް އާމްދަނީ ލިބިއްޖެއެވެ.

މިއީ މި ފިލްމު ސިނަމާތަކުގައި ދައްކަންފެށިތާ ހަފުތާއެއްގެތެރޭ އިންޑިއާ އަދި ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީގެ އަދަދެވެ. ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން މޯހަންލާލް އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މި ތިން ފިލްމަކީ ވެސް ނުގުޑާނެ ވަރުގަދަ ތިން ބާބުކަމަށާއި މި ފްރެންޗައިސްގެ ހިއްސާއަކަށް ވުމަށް ލިބުނު ފުރުސަތާމެދު ޝުކުރުވެރިވާ ކަމަށެވެ.

ފިލްމީ ދާއިރާގެ ތަފާސްހިސާބުތައް ދިރާސާކުރާ 'ސެކްނިލްކް'އިން ބުނާ ގޮތުގައި، މި ފިލްމަށް އިންޑިއާއިން އެކަނިވެސް މިދިޔަ ބުދަ ދުވަހު 6.65 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިއީ އަންގާރަ ދުވަހާ އަޅާބަލާއިރު 2.23 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިންދީ ފިލްމު "ދްރިޝްޔަމް 2"ގެ މަންޒަރެއްގައި އަޖޭ ފިލްމުގެ މުހިއްމު ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު ރިލީޒްކުރިތާ ހަތްވަނަ ދުވަހު އިންޑިއާގެ އެކި ސިނަމާތަކުގައި 4,721 ޝޯ ދެއްކިއިރު، އިންޑިއާއިން ލިބުނު ޖުމްލަ ސާފު އާމްދަނީ މިހާރު ވަނީ 75.30 ކްރޯޑް ރުޕީސްއަށް އަރާފައެވެ. ފިލްމު ރިލީޒްކުރި އެކި ބަސްބަހަށް ބަލާއިރު، އެންމެ ބޮޑު ތަރުހީބެއް ލިބެނީ މަލަޔާޅަމް ބަހުން ރިލީޒްކުރި ފިލްމަށެވެ.

މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3"އަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނައިރު މި ފިލްމުގެ ހިންދީ ވާޝަން މި އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ. ހިންދީ ފްރެންޗައިސްގެ ލީޑް ތަރި އަކީ އަޖޭ ދޭވްގަންއެވެ.