ތުއްތު ކުދިންގެ ހުނަރު ދައްކާލުމަށް ޒާއިލިން ޕްރީ ސްކޫލުން ކުރެހުމުގެ މައުރަޒެއް މިއަދު ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު ފެށި މައުރަޒު ގައި އެ ސްކޫލްގެ 178 ދަރިވަރެއްގެ ކުރެހުން ހިމަނާފައި ވެއެވެ. ޒާއިލިން ޕްރީ ސްކޫލް އާޓް އެގްޒެބިޝަން މިއަދު ހުޅުވީ ވެސް އެ ސްކޫލްގެ ތުއްތު ކުދިންނެވެ. މި މައުރަޒު އޮންނަނީ މިއަދުގެ ނިޔަލަށެވެ.

ސްކޫލްގެ އިސް އޮފިޝަލެއް ކަމަށްވާ އައިމިނަތު ލިއުޝާ ވިދާޅުވީ މައުރަޒު ނިމުމުން ހުރިހާ ކުރެހުންތައް ދަރިވަރުންގެ ބެލެނިވެރިންނާ ހަވާލު ކުރާނެ ކަމަށާއި އެއަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ސްކޫލަށް ހެޔޮ އެދޭ ބެލެނި ވެރިން ބޭނުންނަމަ ކުރެހުމަކަށް 30ރ. ގެ އެއީއެއް ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒާއިލިން ޕްރީ ސްކޫލަކީ 2010 ވަނަ އަހަރު ރަޖިސްޓްރީކޮށް މިދިއަ އަހަރުން ފެށިގެން ހިންގަމުން އަންނަ ސްކޫލެކެވެ. މި މައުރަޒު ބާއްވަން ފެށީ ވެސް މިދިއަ އަހަރު އެވެ.