ވިޝާލް 'އިންޑިއަން އައިޑަލް 16'އިން ވަކިކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި
ވިޝާލް 'އިންޑިއަން އައިޑަލް 16'އިން ވަކިކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ސޮނީ އެންޓަޓެއިންމަންޓް ޓީވީން ދައްކަމުން އަންނަ ރިއަލިޓީ ޓީވީ ޝޯ "އިންޑިއަން އައިޑަލް"ގެ 16 ވަނަ ސީޒަންގެ ފަނޑިޔާރުކަމުން މިއުޒީޝަން ވިޝާލް ދަދްލާނީ ވަކިކުރިކަމަށް ދެކެވޭ ވާހަކަ ލަވަކިޔުންތެރިޔާ ދޮގުކޮށްފިއެވެ.

ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރު އަދި "އިންޑިއަން އައިޑަލް"ގެ އެންމެ ތަޖުރިބާކާރު ފަނޑިޔާރުންގެތެރޭ ހިމެނޭ ވިޝާލް އެ ޝޯއިން ވަކިކުރިކަމަށް ބުނެ ވާހަކަ ދެކެވެންފެށީ ދާދިފަހުން އިންޑިއާގައި މައްސަލަ ބޮޑުވި، ނީޓް އިމްތިހާނުގެ ޕޭޕަރުތައް ލީކުވި މައްސަލައާ ގުޅޭގޮތުން ވިޝާލް ފާޅުކުރި ޚިޔާލުތަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނީޓް-ޔޫޖީ އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ކަންތައް ހިނގިގޮތާ ގުޅޭގޮތުން ފާޑުކިޔައި ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގެ ވަރަށް ގިނަ ޕޭޖުތަކުން ބުނަމުންދިޔައީ ވިޝާލްގެ ސިޔާސީ ވާހަކަތަކުގެ ސަބަބުން އިންޑިއަން އައިޑަލް އުފައްދާ ފަރާތްތަކުން ވިޝާލް ޝޯއިން ބޭރުކޮށްފައިވާ ކަމަށެވެ.

މި އަޑުތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، ވިޝާލް ވަނީ ޝޯގެ ސެޓުގައި ހުރެ ނަގާފައިވާ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

ވިޝާލް 'އިންޑިއަން އައިޑަލް 16'ގެ ފަނޑިޔާރުންނާ އެކު--ފޮޓޯ/މިޑްޑޭ

މި ވީޑިއޯއާ އެކު ލިޔެފައިވާ މެސެޖުގައި ވިޝާލް ބުނީ އިންޓަނެޓުން ފެންނަ ކޮންމެ އެއްޗަކަށް އިތުބާރު ނުކުރުމަށާއި، ކަންކަން އޮޅުވާލުމުގެ މަސައްކަތް ވަރަށް ބޮޑަށް ހިނގަމުންދާ ކަމަށެވެ. އަދި ހައްގު ބަސް ބުނުމުގައި ދެމިހުރުމަށް ވެސް ވިޝާލް ވަނީ އެދިފައެވެ.

ވިޝާލްގެ އިތުރުން "އިންޑިއަން އައިޑަލް 16"ގެ ފަނޑިޔާރުންގެތެރޭ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އަދި މަޝްހޫރު ރެޕް މިއުޒީޝަން ބާދްޝާ ހިމެނެއެވެ.

ވިޝާލް އަކީ 2018 ވަނަ އަހަރުން ފެށިގެން "އިންޑިއަން އައިޑަލް"ގެ ފަނޑިޔާރުކަން ކުރަމުން އަންނަ އެ ޝޯގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް މިއުޒީޝަނެވެ.