'އެމިލީ އިން ޕެރިސް'ގެ ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެ
'އެމިލީ އިން ޕެރިސް'ގެ ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެ

ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާ 'އެމިލީ އިން ޕެރިސް'އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެއެވެ.

އުމުރުން 69 އަހަރުގެ ޕިއެރޭ ޑެނީ މަރުވެފައި ވަނީ ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ 'އޭއެލްއެސް'އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޕިއެރޭ ޑެނީ މަރުވެފައިވާކަން އާއިލާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ 'އެމިލީ އިން ޕެރިސް'ގެ ތިން ވަނަ އަދި ހަތަރު ވަނަ ސީޒަނުގައި ޕިއެރޭ އަދާކޮށްފައި ވަނީ ފެޝަން ކުންފުނި ޖޭވީއެމްއޭގެ ސީއީއޯ ލުއިސް ޑި ލިއޯންގެ ރޯލެވެ.

ޑެނީގެ އަންހެން ކުދިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕިއެރޭ މަރުވީ ކުއްލިއަކަށް ޖެހުނު ނުރައްކާތެރި އޭއެލްއެސް ބަލީގެ ސަބަބުން ކަމަށެވެ. މި ބައްޔަށް 'ޝާކޯޓްސް ޑިޒީޒް'އޭ ވެސް ކިޔައެވެ.

ޑެނީ، 'އެމިލީ އިން ޕެރިސް'ގެ ކާސްޓުންނާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ޑެނީ މަރުވި ޚަބަރު އާއިލާއިން ކަށަވަރުކޮށްދީފައި މިވަނީ، ގްރީސްގައި މިހާރު ޝޫޓް ކުރަމުންދާ 'އެމިލީ އިން ޕެރިސް'ގެ ހަވަނަ ސީޒަނަށް ފަހު އެ ސިލްސިލާ ނިންމާލާނެ ކަމަށް ނެޓްފްލިކްސްއިން އިއުލާނުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޕިއެރޭ ޑެނީ އަކީ ފަރަންސޭސިވިލާތުގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓަރެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ތިއޭޓަރުގައި އެކްޓިންގް މަސައްކަތް ފެށި މި އެކްޓަރު ވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ 'ޖޫލީ ލެސްކޯޓް' އަދި 'ޑެމައިން ނޫސް އެޕާޓިއެންޓް'ގައި 500 އަށްވުރެ ގިނަ އެޕިސޯޑުގައި ޑޮކްޓަރު ރެނާޑް ޑުމާޒްގެ ރޯލު ކުޅެފައެވެ.

ޕިއެރޭ ޑެނީ މަރުވުމާ ގުޅިގެން އެކްޓަރާ އެކު މަސައްކަތްކުރި ގިނަ ފަންނާނުންތަކެއް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ބަތަލާ ސިލްވީ ވަޓަން ބުނެފައި ވަނީ ޑެނީއަކީ ވަރަށް ދީލަތި، ހިތްހެޔޮ އަދި މަޖާ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ބަތަލާ ލޫސް މޫޝެލް ވެސް ވަނީ ޑެނީގެ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ބުނެ، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.