ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ އޭވައިއެލްއާ ދެކޮޅަށް ކުޅުނު މެޗް 4-2 ލަނޑުން ވިކްޓަރީން ކާމިޔާބުކޮށް، ލީގުގެ ދެ ވަނައަށް އެޓީމް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާއެކު ލީގު ދެވަނައިގައި ވިކްޓްރީ އޮތީ 28 ޕޮއިންޓާ އެކުގަ އެވެ. ލީގުގެ ތިން ވަނައިގައި މާޒިޔާ އޮތީ 26 ޕޮއިންޓާއެކު ގަ އެވެ. ލީގުގެ އެއްވަނާގައި 36 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު ރޭ ވިކްޓަރީ އަތުން ބަލިވި އޭވައިއެލް އޮތީ 12 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވިކްޓަރީންނެވެ. އެ ލަނޑު މެޗުގެ ފުރަތަމަ ފަސް ވަނަ މިނެޓުގައި ވިކްޓާރީ އަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އޭވައިއެލް ކޮޅަށް ވިކްޓަރީން ޖެހި އެޓީމުގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގައި ކާބު ކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ. ވިކްޓަރީގެ ލީޑު ފުޅާކޮށްދިނީ 34 ވަނަ މިނެޓުގައި މިސީޒަންގައި ވިކްޓަރީއަށް އެންމެ ގިނަ ގޯލްޖަހާދިން މުހައްމަދު އުމެއިރެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އުމައިރު ވަނީ މިސީޒަންގައި ވިކްޓަރީއަށް 17 ގޯލް ކާމިޔާބު ކޮށްދީފައެވެ. މެޗުގައި އޭވައިއެލް ކޮޅަށް ވިކްޓަރީން ޖެހި އެޓީމުގެ ފަހު ލަނޑު ވެސް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އާފިއު މުހައްމަދު ހަމީދެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގަ، އޭވައިއެލްއިން ވިކްޓަރީ ކޮލަށް ޖެހި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަބްދުﷲ މުއާޒް (އޮޓޯ) އެވެ. އަދި އޭވައިއެލްގެ ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ސަންތޯސް އެވެ.

މެޗަށް ފަހު އޮން ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ، ހާސިލް ކުރަން ބޭނުންވި ކަންކަން ރޭގެ މެޗުގައި ހާސިލް ކުރެވުނު ކަމަށާއި އެގޮތުން އެކަން ކަމަކީ އޭވައިއެލް އަތުން މޮޅުވުމާއި އުމައިރު ގޯލްޖަހާތަން ބެލުން ކަމަށެވެ. އަދި މިމެޗަށް ނިކުތީ ވެސް އެހާ މުހިންމު މެޗެއްކަން ދަނެގެން ނޫން ކަމަށް ވެސް ސުޒޭން ބުންޏެވެ.

"މީ ދެން އެހާ މުހިންމު މެޗެއް ވެސް ނޫން. މެޗެއް ކުޅެން ޖެހިފަ އޮތީމަ ކުޅެލި މެޗެއްމީ. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު. މެޗުން ހާސިލްކުރަން ބޭނުންވި ކަންތައްތައް ހާސިލްވި" ސުޒޭން ބުންޏެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ، ވިކްޓަރީ އަތުން ބަލިވި ކަމުގައި ވިޔަސް ރޭގެ މެޗަކީ ވިކްޓަރީ އަތުން މޮޅުވެވޭނެ ވަރުގެ މެޗެއް ކަމަށެވެ. އެގޮތުން ޓީމުގެ ކުޅުންތެރިން ހުނަރުވެރިކަން ރޭގެ މެޗުގައި ކުޅުންތެރިން ސާމިތު ކޮސްދިން ކަމަށް ވެސް އާތީ ބުންޏެވެ.

" ގޯލްޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނު. ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. މިމެޗަކީ ވިކްޓަރީ އަތުން މޮޅުވެވޭނެ މެޗެއްކަން އަހަރެން ގަބޫލް ކުރަން" އާތީ ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ ވީބީ އައްޑޫ އެފްސީ އާއި މާޒިޔާއެވެ. މެޗް ފަށާނީ މިރޭ 9:00 ޖަހާއިރު އެވެ.