ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީޤްކުރައްވައިފި އެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފަ އެވެ.


މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ގޭންގް ކުށްތައް މަނާކުރުމުގެ ބިލަކީ ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ޤާނޫނެވެ.


އެ ޤާނޫނުގައިވާ ގޮތުން، ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުމަކީ ކުށެކެވެ. ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުން ފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެކެއް އަހަރުދުވަހާއި ފަސް އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުންފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ދެ އަހަރުދުވަހާއި ހަތް އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


އެއްވެސް ގޭންގަކާ ނުވަތަ ގޭންގެއްގެ މެންބަރަކާ ގުޅޭގޮތުން ކޯޓަކަށް ނުވަތަ ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ނުވަތަ ހެކި ދިނުން ހުއްޓުވުމަށްޓަކައި އެމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއްދޭނެކަމުގެ ނުވަތަ މެދުވެރިކުރާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެއްކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. އިންޒާރުދިނުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ ހަ މަސްދުވަހާއި އަށާރަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނުވަތަ މެދުވެރިކުރުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރުދުވަހާއި ހަތް އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


ގޭންގުތައް މަނާކުރުމާބެހޭ ޤާނޫނުގައިވާ ގޮތުން، ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރުދުވަހާއި ފަސް އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ކުށެއް ކުރުމަށްޓަކައި މީހެއްގެ ބިމަކަށް ނުވަތަ ގެއަކަށް ނުވަތަ އިމާރާތަކަށް ނުވަތަ ފިހާރައަކަށް ނުވަތަ މިނޫންވެސް ތަނަކަށް ވަނުމަކީ އަދި އުޅަނދަކަށް އެރުމަކީ ކުށެކެވެ. މިފަދަކުށެއް ކޮށްފި މީހެއްގެ އަދަބަކީ ހަ މަސްދުވަހާއި އަށާރަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމަކީ ކުށެކެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވި މީހެއްގެ އަދަބަކީ ތިން އަހަރުދުވަހާއި ފަސް އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ހަ އަހަރުދުވަހާއި ބާރަ އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


މި ޤާނޫނުގެ ދަށުން ޙުކުމް ތަންފީޛުކުރަމުން ގެންދާ އެއްވެސް މީހަކަށް ޕެރޯލްގެ ދަށުން ނުވަތަ އެހެން ގޮތަކުންވިޔަސް އަދަބު ލުއިކޮށްދެވޭނީ ޙުކުމުގެ ތިންބައިކުޅަދެބައި ތަންފީޛުކުރުމަށް ފަހުގައި ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވާފަދަ ކުށެއްކުރީ ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވީ ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވިޔަސް އެ ކުއްޖަކަށް 14 އަހަރު ފުރިފައިވާނަމަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު އާއި ޤާނޫނުލްޢުޤޫބާތުގެ 7 ވަނަ މާއްދާއިން އިސްތިސްނާކޮށް މި ޤާނޫނުގެ ދަށުން ކުށްވެރިވާނޭ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް އިއްވޭ ޙުކުމް ތަންފީޛު ކުރަންޖެހޭނީ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ޚާއްޞަކޮށްފައި ހުންނަ މަރްކަޒެއްގައެވެ.


މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަންފަށާތާ ހަތަރު މަސްދުވަހުގެ ތެރޭގައި، އެގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި، އަދި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެ އެވެ.


މީގެއިތުރުން މިއަދު ތަސްދީޤުކުރެއްވި އަނެއް ބިލަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލެވެ. މިބިލަކީ ވެސް އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި ޤާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ.


މި ޤާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުން، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މަޤުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ އަދި ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤްބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީވެސް ކުށެކެވެ. އަދި މިކުށްތަކުގެ އަދަބަކީ ހަ މަސްދުވަހާއި ބާރަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ ޢާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިސްކިތްތަކާއި، ދައުލަތުގެ އިމާރާތްތަކާއި، އެކިއެކި ޙަފްލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި، ޢާންމު ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައިވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް އެއް އަހަރުދުވަހާއި ތިން އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ ޢުޤޫބާތް އިތުރުކުރެވޭނެއެވެ.


ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުޝަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު މި ޤާނޫނުން ލިބިދީފައިވެއެވެ. ހަމައެއާއެކު، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީވެސް މި ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.


މި ޤާނޫނުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ.