ބްރެޒިލްގެ ތަރި ނޭމާގެ ފައިގެ ކުޑަކަޅުވާމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކާއި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަން (ސީބީއެފް) އިން ކަށަވަރުކޮށްދީފިއެވެ.

ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސްކޭންތަކުން ދައްކާގޮތުން ނޭމާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ދެވަނަ ދަރަޖައިގެ އަނިޔާއެއް ލިބިފައިވާ ކަމަށެވެ.

ޑޮކްޓަރު ލަސްމާ ވިދާޅުވި ގޮތުގައި، އުމުރުން 34 އަހަރުގެ ފޯވާޑް ނޭމާ ކުޅުމާ ދުރަށް ދާންޖެހިފައިވަނީ އެމްއާރުއައި ސްކޭނުން އޭނާގެ ކުޑަކަޅުވާ މަސްގަނޑު އިރައިގެން ގޮސްފައިވާކަން ފާހަގަކުރެވުމުންނެވެ.

"ނޭމާ އިއްޔެ ގްރާންޖާ ކޮމާރީއަށް ރިޕޯޓްކުރުމުން ހެދި މެޑިކަލް ޓެސްޓުތަކާއި އެމްއާރުއައި ސްކޭނުން އެނގުނީ މިއީ ހަމައެކަނި ދުޅަވުމެއް ނޫން ކަން. އެއީ އޭނާގެ ކުޑަކަޅުވާ މަސްގަނޑަށް ވަނީ ދެވަނަ ދަރަޖައިގެ އަނިޔާއެއް ލިބިފަ. އޭނާ ފިޓްވުމަށް ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ،" މެޑިކަލް ޑޮކްޓަރު ލަސްމާ ވިދާޅުވިއެވެ.

މި އަނިޔާއާ ގުޅިގެން އަންނަ އާދިއްތަ ދުވަހު މަރަކާނާ ސްޓޭޑިއަމްގައި ޕެނަމާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި، މިސްރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު ނޭމާއަށް ގެއްލޭނެއެވެ.

މީގެ އިތުރުން، ޖޫން 13 ވަނަ ދުވަހު ނިއު ޖާޒީގައި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ބްރެޒިލް ހިމެނެނީ ހެއިޓީ އާއި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގައެވެ.

ނޭމާގެ މި އަނިޔާއަކީ އޭނާ ކުޅެމުންދާ ސަންތޯސް ކްލަބުން ކުރިން އަންދާޒާކުރި ވަރަށް ވުރެ ސީރިއަސް އަނިޔާއެކެވެ. ސަންތޯސްގެ ޑޮކްޓަރުން ކުރިން ބުނެފައިވަނީ އެއީ ކުޑަ އަނިޔާއެއް ލިބިގެން ދުޅަވިދުޅަވުމެއް ކަމަށާއި، އޭނާ ހުންނާނީ ފިޓްކޮށް ކަމަށެވެ.

އެހެންނަމަވެސް ބްރެޒިލްގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުން ވަނީ އެއީ މަސްގަނޑުގެ ފައިބަރތަކަށް ލިބިފައިވާ ގެއްލުންތަކެއްގެ އަނިޔާއެއް ކަމަށް ކަނޑައަޅާފައެވެ.

ކޯޗު ކާލޯ އަންޗެލޮޓީއަށް މި މެޗުތަކުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅުމުގެ ސަބަބުން ގެބްރިއަލް މަގަލްހައެސް، މާކީނިއޯސް އަދި ގެބްރިއަލް މާޓިނެލީ ވެސް ޓީމާ ގުޅިފައި ނުވާތީއެވެ.

ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ނޭމާ އަލުން ގައުމީ ޓީމަށް ނެގުމުން ސަޕޯޓަރުންގެ ބޮޑު އުންމީދެއް އޮތް ނަމަވެސް، މި ވަގުތު ބްރެޒިލަށް ޖެހިފައިވަނީ އޭނާ ނުލައި ކުރިއަށް ދާށެވެ.

މިއީ ބްރެޒިލްގެ ސަޕޯޓަރުންނަށް ކުރިމަތިވި ބޮޑު ހިތާމައަކަށް ވާނެއެވެ.