ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ.ގެ މޫސުމަބެހޭ އިދާރާ އަދި އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ ރިސާޗް ސައިންޓިސްޓެއް ކަމަށްވާ މެލިސާ ސީބްރޫކް ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވަމުންދާ ކަމާއި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މަތިވަމުންދާ ކަމުގެ ވަރަށް ސާފު ހެކިތައް ފެންނަން އެބަހުއްޓެވެ.

އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މި އަހަރާއި 2030 އާ ދެމެދު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން، މިހާރު ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރު ކަމަށްވާ 2024 އަށް ވުރެ މަތިވާނެ އަހަރެއް އަންނާނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އުތުރު ހެމިސްފިއާގައި އާކްޓިކްގެ ފިނިމޫސުމުގެ ފިނިހޫނުމިން ދުނިޔޭގެ އެވްރެޖްގެ ގާތްގަނޑަކާށް ތިން ގުނައަށް ވުރެ މައްޗަށް ގޮސްދާނެ ކަމަށް ރިޕޯޓުގައިވެއެވެ.

މިހާތަނަށް އެންމެ ހޫނުވި އަހަރު ކަމަށްވާ 2024އަށްވުރެ ހޫނު އަހަރެއް، 2030ގެ ކުރިން އަންނާނެ ކަމަށް ލަފާކޮށްފައިވޭ -- ފޮޓޯ/ އޭޕީ

އާކްޓިކް ހޫނުވުމުގެ ސަބަބުން މޫސުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޚާއްސަކޮށް ދުނިޔޭގެ އުތުރު ސަރަހައްދުތަކުގައި މޫސުމަށް އަންނަ ބަދަލުތައް ގޯސްވެދާނެ ކަމަށް ސައިންޓިސްޓް ސީބްރޫކް ވިދާޅުވިއެވެ.

މި އަހަރުގެ ފިނިމޫސުމުގައި ވެސް އެލް ނީނޯއެއްގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ އަންނަ އަހަރާ ހަމައަށް ވެސް ދެމިއޮވެދާނެ ހާލަތެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޕެސިފިކް ކަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން ރެކޯޑް އަދަދަކަށް އުފުލިދާނެ ކަމަށް ސީބްރޫކް އިތުރަށް ވިދާޅުވިއެވެ.

އެލް ނީނޯ އަކީ މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ވަކިވަކިން ހޫނުވާ މުއްދަތެކެވެ. މިއީ އާންމުކޮށް ނުވަ މަހާއި 12 މަހާއި ދެމެދުގެ މުއްދަތެކެވެ.