18 Sep 2012, 10:39
މެޗް ނިމެން ދަނިކޮށް ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާން ކާމިޔާބު ކުރި ހަމައެކަނި ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ އަތުން ހަނިގޮތަކަށް ވެލެންސިޔާ މޮޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގައި ވެލެންސިޔާއިން ޔުނައިޓެޑް ވިކްޓަރީގެ ކޮޅަށް ޖެހި ލަނޑު ފެނިގެން ދިޔައީ މެޗް ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ވެލެންސިޔާއަށް ލިބުނު ކަމުގައި ވިޔަސް، ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރުންގެ ހުނަރުވެރި ކަމުން ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމްކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ. އަދި ވެލެންސިޔާގެ ފޯވާޑުން ކުރަންމުންއާ ނުރައްކާތެރި ސޮޓްތައް އޮބަހެއްޓުމަށް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ގިނަ މަސައްކަތް ތަކެއް ކުރިތަން އިއްޔެގެ މެޗުގައި ވަނީ ފެނިފަ އެވެ.
މެޗަށް ފަހު ވެލެންސިޔާގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ، މެޗުގައި ވެލެންސިޔާގެ ފަރާތުން ގިނަ ހަމަލާތަކެއް ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް އަމާޒް ކުރެވުނު ކަމަށާއި އެހެންނަމަވެސް އެކަމުގެ ނަތީޖާ ނިކުތީ މެޗް ނިމެން ދަނިކޮން ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓަރީ އަކީ ބަލި ޓީމެއް ނޫން ކަމަށާއި އެޓީމާ ދެކޮޅަށް ނުކުތީ ވެސް މެޗުން މޮޅުވާން ކަމަށް ނާދު ބުންޏެވެ.
ދިވެހި ލީގު ކޮލިފިކޭޝަންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ބީޖީ އާއި ވިޔަންސާ އެވެ. މެޗް ފަށާނީ ހަވީރު 4:00 ޖަހާއިރު އެވެ.
މިފަހަރުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.