މި ސީޒަންގައި ވީބީ އައްޑޫ އެފްސީން ކުޅެން ހުރި މެޗްތަކުގައި އެޓީމުގެ ހޮލެންޑް މިޑްފީލްޑަރު ސެންގިޒް ހުސެއިން އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ނުކުޅެވުމަކީ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމަށް ކޯޗު ޖޭން ވަންލީ މިއަދު ބުނެފި އެވެ.

ސަންއޮންލައިނަށް ދިން އިންޓަވިއުގައި ވަންލީ ބުނީ، ސީޒަންގައި ވީބީ ކުޅެންހުރި ކޮންމެ މެޗަކީ ވެސް އެޓީމަށް މުހިންމު މެޗަކަށް ވީއިރު، ކޮންމެ މެޗަކުން ވެސް މޮޅުވުމަކީ ވީބީގެ އެންމެ ފުރަތަމަ ޓާގެޓް ކަމަށެވެ. އެހެން ނަމަވެސް ސީޒަންގެ މިހާތަނަށް އާއިރު ޓީމު ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާއާ ކުރިމަތިލާން ޖެހުމަކީ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނިކުނާނީ ވެސް މޮޅުވާން. ލީގުގެ ހަތަރު ވަނާގައި 21 ޕޮއިންޓާއެކު އޮތް ކަމުގައި ވިޔަސް، ލީގުގެ ތިން ވަނަ ނުވަތަ ދެ ވަނައަށް އެރުމަކީ ވެސް ވީބީގެ ޓާގެޓެއް. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކަށް ނުކުޅެވޭނެ. މިވަގުތު ޓީމުގެ މެދުތެރެ ވެސް ވަނީ ބަލިކަށިވެފަ. އެއީ ސެންގިޒަށް ނުކުޅެވޭތީ. އޭނާއަށް ނުކުޅެވުމަކީ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ދެރައެއް،" ވަންލީ ބުންޏެވެ.

ވަންލީ ބުނީ، ސެންގިޒަށް ނުކުޅެވުނު ކަމުގައި ވިޔަސް ޓީމުގައި އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ. އަދި ސެންގިޒަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މި ސީޒަންގައި ދެން ނުކުޅެވޭނެ ކަމަށް ވެސް ވަންލީ ބުންޏެވެ.

ސެންގިޒަށް އަނިޔާވީ މި މަހުގެ ކުރީ ކޮޅު ވީބީ ކުޅުނު ޕްރެކްޓިސް މެޗެއްގައެވެ. އޭނާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ވަނީ ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

މިދިޔަ އަހަރު ވެސް ވީބީގައި މުހިންމު ރޯލެއް އަދާކު ސަންގިޒް ބުނީ، އޭނާ އަށް ލިބުނު އަނިޔާ މިހާރު ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަމަށާއި އެހެން ނަމަވެސް ކުޅުމަށް އެނބުރި އައުމަށް ދެ މަސްވަރު ނަގާނެ ކަމަށެވެ.

ދިރާގް ދިވެހި ލީގުގައި މިރޭ 9:00 ޖަހާއިރު މާޒިޔާއާ ދެކޮޅަށް ލީގުގެ ހަތަރު ވަނާގައި އޮތް ވީބީ ނިކުންނައިރު އެޓީމަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. ނަމަވެސް މާޒިޔާ އޮތީ 26 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައެވެ. މިރޭގެ މެޗް ވީބީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ލީގުގެ ތިން ވަނައިގައި 25 ޕޮއިންޓާއެކު އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު އެއްޕޮއިންޓަށް ކުޑަވާނެ އެވެ.