އަތުން އައިފޯން ފޭރިގަންނަ ހާލަތްތަކުގައި، ފޯނުގައި ހުންނަ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ގޮތުން ފޯނު އަމިއްލައަށް ލޮކްވާ ފަދަ ސެކިއުރިޓީ ފީޗާއެއް ތައާރަފްކުރުމުގެ މަސައްކަތް އެޕަލް ކުންފުނިން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ އެންޑްރޮއިޑް ފޯނުތަކުގައި މިހާރު ވެސް ބޭނުންކުރަމުންދާ "ތެފްޓް ޑިޓެކްޝަން ލޮކް" ފީޗާއާ ދާދި އެއްގޮތް ފަންކްޝަނެކެވެ.

9ޓު5މެކް އިން ނެރުނުރިޕޯޓެއްގައިބުނެފައިވާގޮތުން މި އާ ފީޗާ މަސައްކަތްކުރާނީ ފޯނު ހިފަހައްޓައިގެން ހުންނަ މީހާގެ އަތުން ކުއްލިއަކަށް ފޯނު ދަމައިގަންނަ ހަރަކާތްތައް ދެނެގަނެގެންނެވެ. އެގޮތުން ފޯނުގައި ހުންނަ އެކްސެލެރޯމީޓަރު ފަދަ ސެންސަރުތައް މެދުވެރިކޮށް، ފޯނަށް އަންނަ ކުއްލި ލޮޅުންތަކާއި ހަރަކާތްތައް ދެނެގަނެ، އެއީ ވައްކަމެއްގެ ގޮތުގައި ސިސްޓަމަށް ކަށަވަރުވުމާއެކު ފޯނުގެ ސްކްރީން ވަގުތުން ލޮކްކޮށްލާނެއެވެ.

މީގެ އިތުރުން، މި ފީޗާ މެދުވެރިކޮށް ފޯނާއި އެ ފޯނާ ޕެއާކޮށްފައިވާ އެޕަލް ވޮޗާ ދެމެދުގައި ހުންނަ ދުރުމިންވެސް މޮނިޓާ ކުރާނެއެވެ.

ފޯނު ގެންގުޅޭ މީހާގެ އަތުކުރީގައި އޮންނަ ގަޑިއާ ފޯނު ކުއްލިއަކަށް ދުރުވެއްޖެ ނަމަ، އެއީ ވައްކަމުގެ އިތުރު ނިޝާނެއްގެ ގޮތުގައި ބަލައި، ފޯނަށް އެހެން މީހުންނަށް ވަނުން ބްލޮކްކޮށްލާނެއެވެ.

މި ސެކިއުރިޓީ އަޕްޑޭޓް ގުޅިފައިވަނީ އެޕަލްގެ މިހާރުގެ "ސްޓޯލަން ޑިވައިސް ޕްރޮޓެކްޝަން" ނިޒާމާއެވެ. އެގޮތުން ފޯނު އާންމުކޮށް ގުޅޭ ވައިފައި ނެޓްވޯކްތަކާއި، ގެ ނުވަތަ އޮފީސް ފަދަ ދަންނަ ލޮކޭޝަންތަކުން ބޭރުގައި ހުންނަ ވަގުތެއްގައި މިފަދަ ހާދިސާއެއް ހިނގައިފިނަމަ، ފޯނުގައި ހުންނަ އެކައުންޓްތަކާއި ޒާތީ މައުލޫމާތުތަކަށް އެހެން މީހުންނަށް ނުވަދެވޭ ގޮތަށް މުޅިން ބަންދުކޮށްލާނެއެވެ.

މި ޓެކްނޮލޮޖީއަކީ އެޕަލްގެ އަމިއްލަ އުފެއްދުމެއް ނަމަވެސް، މިއީ އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ ސެކިއުރިޓީ ނިޒާމުތަކުން ފެނިފައިވާ ފަންކްޝަނެކެވެ. އެގޮތުން ގޫގުލްއިން ވަނީ އެންޑްރޮއިޑް ސިސްޓަމްތަކަށް "ތެފްޓް ޑިޓެކްޝަން ލޮކް" ނަމަކަށް ކިޔާ ފީޗާއެއް މީގެ ކުރިން ތައާރަފްކޮށްފައެވެ.

އެންޑްރޮއިޑްގައި މި ފީޗާ މަސައްކަތްކުރަނީ ފޯނުގައި ހުންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް، ފޯނު ފޭރިގަންނަ ވަގުތު އަންނަ ކުއްލި ހަރަކާތްތައް ދެނެގަނެގެންނެވެ.

އެޕަލްއިން މިފަދަ ފީޗާއެއް ތައާރަފްކުރަން މި މަސައްކަތްކުރަނީ، ކުއްލިއަކަށް ފޯނު ފޭރިގަނެގެން ސައިކަލު ފަދަ އެއްޗެހީގައި ފިލާ މީހުންގެ އަތުން، ފޯނުގެ ސްކްރީން ލޮކްވުމުގެ ކުރިން އޭގައި ހުންނަ ބޭންކިން އެޕްތަކާއި ޒާތީ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ މަގްސަދުގައެވެ.