އިންޑިއާގެ ޓެކްނޮލޮޖީ ހަބްގެ ގޮތުގައި މަޝްހޫރު ބެންގަލޫރުން އެބޯލާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި ޔުގެންޑާގެ އަންހެނެއްގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 28 އަހަރުގެ މި އަންހެން މީހާ ކަރަންޓީނު ކުރީ އެބޯލާ ބަލިކަމަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އޭނާ ބެންގަލޫރަށް ދަތުރުކުރީ ޔުގެންޑާއިން ފުރައިގެން އަހުމަދުއާބާދު މަގުންނެވެ. އޭނާ އެކަހެރިކުރި ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. އަނިލް ކުމާރު ބަނަގަރް ވިދާޅުވިކަމަށް ރޮއިޓާޒްއިން ރިޕޯޓުކުރި ގޮތުގައި އޭނާގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ރިހުމުގެ އަސަރު ހުރި ކަމަށެވެ. ރޮއިޓާޒްއިން ބުނި ގޮތުގައި އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އަންހެން މީހާ އެބޯލާއަށް ކުރި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

މިއީ 2014 ވަނަ އަހަރަށްފަހު އިންޑިއާއިން އެބޯލާގެ ކޭސްއެއް ފެނުމުގެ ބިރު އުފެދުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވަނީ މި ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ.

އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާއިން މިހާރު ވަނީ އެއާޕޯޓުތަކާއި އެ ގައުމަށް އެތެރެވެވޭ އެހެން ސަރަހައްދުތަކުގައި ސްކްރީން ކުރުމާއި ސަވައިލަންސް ވަރުގަދަކޮށްފައެވެ.

އަދި ކޮންގޯ، ޔުގެންޑާ، އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.