27 May 2026, 10:35
ނ. ކެނދިކުޅުދޫގައި ފުލުހުންގެ ކާރެއް އެކްސިޑެންޓްވެއެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، ކެނދިކުޅުދޫގައި ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓު ރޭ 23:15 އެހައިކަންހާއިރު ލިބިފައިވެއެވެ.
މި މަައްސަލަ މިހާރު ތަހުގީގުކުރަމުން ގެންދާއިރު، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި ފުލުހުންގެ ކާރަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.
އެ ކާރު އޮތީ މަގުމަތީގައި ހުރި ސިމެންތި ގާތަކެއް ކަހަލަ އެއްޗަކަށް އަރާފައެވެ. ބެލެވޭ ގޮތުގައި އެއީ މަގު ބައްތި ހަރުކޮށްފައި ހުރި ސިމެންތި ބުޑެކެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.