އީދު ހަރަކާތްތައް އިންތިޒާމުކުރާއިރު ދެ ޖިންސު މަސްހުނިނުވާހެން، ދީނާ ފުށުނާރާހެން އިންތިޒާމުކުރުމަކީ ވާޖިބެއް: އީދު ޚުތުބާ
އީދު ހަރަކާތްތައް އިންތިޒާމުކުރާއިރު ދެ ޖިންސު މަސްހުނިނުވާހެން، ދީނާ ފުށުނާރާހެން އިންތިޒާމުކުރުމަކީ ވާޖިބެއް: އީދު ޚުތުބާ

މިއަދު މުސްލިމުން ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި އިއްވި އީދު ޚުތުބާގައި، އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ބޯލެނބުމަކީ ވާޖިބެއްކަން ރާއްޖޭގެ މިސްކިތްތަކުގައި އިއްވި އީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ އީދު ނަމާދަށްފަހު އިއްވި ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އީދު ދުވަހަކީ މުޅި އަހަރުގައިވެސް އަންނާނެ އެންމެ މަތިވެރި ދުވަސްކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ މާނައިގައިވާ ގޮތުން، މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ އީދު ދުވަސްކަމަށް ޚުތުބާގައި ބުންޏެވެ.

އީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެގޮތުން އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުމުން ދުރުހެލިވާންޖެހޭނެކަމަށް ޚުތުބާގައި ބުންޏެވެ.

27 މެއި 2026: އަޟްހާ އީދަށް ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރަނީ -- ސަން ފޮޓޯ: އާއިޝް އަޝްރަފް

"އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް،" ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން، އީދުގެ އުފަލުގައި ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުން ބައިވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާންކުރުމަށްވެސް ޚުތުބާގައި ގޮވާލިއެވެ. ހާއްސަކޮށް، ގަތުލުއާންމުތަކާއި ހައިހޫނުކަމުގައި ތިބި އަޚުންނާއި އުޚުތުންނަށް ނަސްރާއި ކާމިޔާބަށް އެދި ދުއާކުރުމަށް ބާރުއެޅިއެވެ.

އީދު ނަމާދުގެ ބޮޑު ޖަމާއަތުން ލިބިދޭ ފިލާވަޅުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މިއީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މަހުޝަރުގެ މައިދާން ހަނދާންކޮށްދޭ މަންޒަރެއް ކަމަށެވެ. އެހެންކަމުން، އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމަށާއި، ބޮޑާކަމާއި ހަސަދަވެރިކަން ފަދަ ނޭއްގާނީ ސިފަތަކުން ހިތްތައް ތާހިރުކުރުމަށް މިއަދުގެ ޚުތުބާގައި ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.