ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ބޮޑެތި ދޮރުތައް އަދިވެސް ބަންދު ނުކުރެވޭ ކަމަށާއި އެކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމުގައި ކަސްޓަމްސްގެ ރޯލާއި ގުޅޭގޮތުން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އަސްވާން ވިދާޅުވީ އާބާދީ ކުދި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރެވިފައި ވީނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރާ ކާރުހާނާތައް ގާއިމްކޮށްފައިވާ ތިލަފުށީގައި ފުލުހުން ނުތިބޭތީ އެތަން އޮތީ މޮނީޓާ ނުކުރެވި ދޫކޮށްލެވިފައި ކަމަށެވެ.

"ހަގީގަތަށް ބަލާއިރު ފުލުހުން ކަހަލަ ބަޔަކު އެތަނަށް އަރައިގެން އެތަނުގައި ލޯ އެންޑް އޯޑާ މެއިންޓެނެންސް ކުރެވޭނީ. އެއީ ގާތްގަނޑަކަށް 2000 އަށް ވުރެ ގިނަ މީހުން އަރާ ފައިބާ ތަނެއް. ކަސްޓަމްސް އެކަނި ތިބެގެން ކިހިނެތްތޯ އެތާންގެ އިންޓާނަލް ކަންތައް ބަލަހައްޓާނީ. މިހާރު އަޅުގަނޑުމެން އިސްނަގައިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭ،" އަސްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން އެތަނުގައި ގާއިމް ކުރުމަށްޓަކައި ކަސްޓަމުން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށާއި އެކަމާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކާއެކު ދެކެވުނު ވާހަކަތަކަށް ފަހު ފުލުހުން ވެސް ތިލަފުށީގައި ބައިތިއްބޭ ކަހަލަ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތިލަފުއްޓަށް ޚާއްސަ އިސްކަމެއް ދީގެން އެތާންގެ ޕޯޓުތައް ވަކި މިންގަނޑުތަކަކަށް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެކަމުގައި ރައީސް އޮފީހާއި ޓްރާންސް ޕޯޓް މިނިސްޓްރީގެ އިތުރުން ސިފައިންނާއި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ވެސް އަސްވާން ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުން އަންނަ ބޯޓު ފަހަރުތައް ރާއްޖެ އައުމުގެ ކުރިން 12 މޭލު ދުރުގައި އޮއްވައި، ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު މިހާރުވެސް ބޯޓުތައް ބަލައި ފާސް ކުރެވެމުން އަންނަ ކަމަށް ވެސް އަސްވާން ވިދާޅުވި އެވެ.

މަސްތުވާތަކެތި ހޯދައިގަތުމަށްޓަކައި ރާއްޖޭގައި ކުއްތާ ބޭނުންކުރަން ޖެހިފައިވާ ކަމަށާއި އެގޮތުން ފުލުހުންނާއި ސިފައިން އަދި ކަސްޓަމަށް ވަކިން ކުއްތާ ގެނެސް ބޭނުން ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވަކިން ޚާއްސަކޮށް ތިލަފުއްޓަކީ ވަރަށް ގިނަ އަދަދަކަށް ހިލަވެލި ބަސްތާތައް ބަރުކުރެވޭ ރަށަކަށް ވާއިރު އެ އެއްޗިހީގެ ތެރެއަށް އަޅައިގެން މަސްތުވާތަކެތި ގެނަޔަސް ކުއްތާ ނެތުމުގެ ސަބަބުން އެ ތަކެތި ޗެކްކުރެވޭނެ ގޮތެއް ނެތްކަމަށް ވެސް ކޮމިޝަނާ ޖެނެރަލް ވިދާޅުވި އެވެ.

"ތިލަފުށީގައި ހިލަޔާއި ހިލަވެއްޔާއި ގުޔާއި މި އެއްޗިހި ހުންނަކަމަށް ވަންޏާ މިއެއްޗިހި ޗެކްކުރަން ކުއްތާ ތައް ބޭނުންވޭ. ކިހިނެތްތޯ އެ އެއްޗިހީގެ ތެރެއަށް އަތްބާނައިގެން އެ އެއްޗިހި ޗެކްކުރާނީ،" އަސްވާން ވިދާޅުވި އެވެ.

ރާއްޖެއަށް ކުއްތާގެ އެހީތެރިކަމަށް އެދި ހޯމް މިނިސްޓްރީގެ ފަރާތުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެންބަސީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަސްވާން ވިދާޅުވީ މަސްތުވާތަކެތި ޕެޑްލްކުރާ މީހުން ކިތަންމެ ގިނައިން ހޯދިކަމުގައި ވިޔަސް އެއީ ހައްލެއް ނޫން ކަމަށާއި ފުޅާދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަތުމުގެ އިތުރަށް އެ ތަކެތި ގަންނަ މީހުންނަށް ފައިސާ ލިބޭގޮތް ވެސް ބަލަންޖެހޭ ކަމަށެވެ. އެގޮތުން އެތަކެތި ގަންނަ މީހުންގެ އަތަށް ފައިސާ ލިބޭގޮތް ބެލުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށާއި އެންމެ މުހިންމު އެއް ކަމަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންތައް އަތުލައިގަތުން ކަމަށެވެ.

ކަސްޓަމްސްގައި ރާއްޖެއިން ބޭރުން ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޑްރަގްގެ ބޮޑެތި އޮޕަރޭޝަންތައް ރަން ކުރުމަށް ބޭނުންވާ ބަޖެޓާއި އިކްއިޕްމެންޓާއި އޮޕަރޭޝަންތައް ރަންކުރުމަށް ބޭނުންވާ ކޮމިޔުނިކޭޝަނާއި ދަތުރުފަތުރުގެ ޚިދުމަތްތައް އަދިވެސް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ކަސްޓަމްސްގެ އިންޓެލިޖެންސް ސެކްޝަން ވެސް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޯޑަރުގަ ތިބޭ މީހުން ފިޔަވަޅު ބޭރަށް ނާޅާ ކިހިނެތް ބޯޑަރުގަ ތިބެގެން އެއްޗިހި އަންނަކަން އެނގޭނީ. ދުނިޔޭގެ ތަންތާންގަ ވެސް މިކަން ކުރަނީ އެތަންތާންގަ ޕްލޭސް ވެގެން އެތާގެ ކޮމިޔުނިޓީ އާއި ރައްޓެހި ވެގެން އެތަނުގައި ކަންހިނގާ ގޮތް ބަލައި އެތާނގެ ޕޮލިސްއާއި ގުޅިގެން މިތަނަށް އައުމުގެ ކުރިން އެ އެއްޗިހި ދުއްވާލަނީ."