ޓެލްއަވީވް (ސެޕްޓެމްބަރ 18) : އީރާނުގެ ނިއުކްލިޔަ މައްސަލާގައި އިސްރާއީލަށް މަޑުންނޯންނެވޭނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވާހަކަ ދައްކަވައިފިއެވެ.

އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ނަތަނިޔާހޫ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ ކުރިމަތީގައި ހުރަސްކުރުންމަނާ ރަތްރޮނގުތަކެއް އެކަށައަޅަންޖެހޭ ކަމަށްވިދާޅުވެ އޭނާ ކުރިން ދެއްކެވި ވާހަކަތައް އަދިވެސް ދައްކަވާނެ ކަމަށާއި މިއީ ނުކުރެވޭނެ ކަމެއްނޫންކަމުގައެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ ކުރިމަތީގައި ހުރަސްކުރުންމަނާ ރަތްރޮނގުތަކެއް އެކަށައަޅަންޖެހޭ ކަމަށްވިދާޅުވެ ނަތަނިޔާހޫ ކުރިން ދެއްކެވި ވާހަކަދެއްކެވުމުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ އެއީ ޢަމަލީގޮތުން ކުރެވޭނެކަމެއްނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އިސްރާއީލުގެ އިސްމަސްއޫލުވެރިއަކު ނުދެއްވާ ދުވަހެއް ވަރަށް މަދެވެ. ނަމަވެސް މިއިންޒާރުތަކަށް އެމެރިކާވެސް މިހާރު މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާއާޓްސް އިން ބުނާގޮތުން ނަތަނިޔާހޫއާއި އިސްރާއީލުގެ އިސްމަސްއޫލުވެރިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު ދެއްވުމުގެ ފަހަތުގައިވަނީ އިސްރާއީލުގެ ދާޚިލީ ސަބަބުތަކެކެވެ. މިއީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި ނަތަނިޔާހޫގެ ސަރުކާރު ފޭލްވަމުންދާ މައްސަލަ ފޮރުވައި އިސްރާއީލު ރައްޔިތުންގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލުމުގެ މަޤްސަދްގައި ކުރައްވަމުން ގެންދަވާ ސިޔާސީ ކަންތައްތަކެއް ކަމަށް އެނޫސް ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ އިންޒާރުތަކާ ގުޅިގެން އީރާނުންވެސްވަނީ އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފައެވެ. އީރާނުގެ ގުޅިފައިވާ ލަޝްކަރުތަކުގެ ވެރިޔާ ޖެނެރަލް މުޙައްމަދު ޢަލީ ޖަޢްފަރީ ވަނީ އިސްރާއީލުން އޭނާގެ ޤައުމަށް ޙަމަލާ ދީފިނަމަ އިސްރާއީލުގައި އެއްވެސް އެއްޗެއް ސަލާމަތުން ނުހުންނަވަރުގެ ވަރުގަދަ ޙަމަލާތަކެއް މުޅި އިސްރާއީލަށް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އީރާނަށް ޙަމަލާ ނުދެވޭވަރުގެ ތަނެއް އިސްރާއީލުގައި ނޯންނާނެ ކަމަށްވެސް އީރާނުގެ ޖެނެރަލް ވިދާޅުވިއެވެ. -- އަލްޖަޒީރާ