އެކަކު ފިޔަވައި، ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތުގައި
އެކަކު ފިޔަވައި، ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތުގައި

އެކަކު ފިޔަވައި، ބާކީ ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބާވީސް ބަހުގައި އަރަފާތަށް ދިއުމަށް ދިވެހި ހައްޖުވެރިން ދަތުރުފެށީ، ރާއްޖެ ގަޑިން ރޭ 23:00ގައެވެ. ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮސް ނިމުނީ، ރޭ ފަތިހެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، އެންމެ ހައްޖުވެރިއަކު ފިޔަވައި ހުރިހާ ދިވެހި ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށެވެ.

މިގޮތުން، ދިވެހި ހައްޖުވެރިއަކު މިނާގެ ހޮސްޕިޓަލުގައި އެޑުމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާ ވެސް އަރަފާތަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަންގެ އެހީތެރިން އެ ހައްޖުވެރިޔާއެކު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ހުރިހާ ކަމެއް ވެސް ރަނގަޅުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނާ އެކޭ އެއްގޮތަށް އަރަފާތުގައި ވެސް ހައްޖުވެރިންނަށް ވަނީ ފުރިހަމަ އިންތިޒާމުތަކެއް ހައްޖު މިޝަނުން ވަނީ ހަމަޖައްސާފައެވެ.

މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ ރުކުނެކެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު، އިމާމުމީހާ ޚުތުބާ ދެއްވާނެއެވެ. އެއަށްފަހު ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އިރުއޮއްސެންދެން ހައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ.

އެ ވަގުތު އެ މީހުން ހޭދަކުރާނީ ދުއާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާއެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ.

މުޒްދަލިފާއަށް ދާން ހައްޖުވެރިން ދަތުރުފަށާނީ އިރުއޮއްސުމުންނެވެ.