18 Sep 2012, 09:17
ޤާހިރާ (ސެޕްޓެމްބަރ 18) : ސޫރިޔާގައި ހިނަގަމުންދާ ލޭ އޮހޮރުވުންތައް ހުއްޓުވައި އެ ޤައުމުގެ ރައްޔިތުން ތަޙައްމަލު ކުރަމުންގެންދާ ވޭނާއި މުސީބާތްތައް ނިމުކަމަށް ގެނެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި މިސްރާއި އީރާނާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ޤާހިރާގައި ބައްދަލުކުރައްވައިފިއެވެ.
މިއީ މި މައްސަލަ ޙައްލުކުރުމަށްޓަކައި މިސްރުގެ ރައީސް މުޙައްމަދު މުރްސީ ގޮވާލެއްވި ގޮވާލެއްވުކަމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސަޢޫދީ އަރަބިޔާ ބައިވެރިވާނެކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލް މިބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މިތިން ޤައުމުގެ ތެރޭން އީރާނަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އަދި ބައްޝާރުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ. ނަމަވެސް ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއްގެނަސް ލޭ އޮހޮރުވުންތައް ހުއްޓުވަން މަސައްކަތްކުރުމަށާ ބައްޝާރުގެ ފަރާތުން ދޫދެއްވަންޖެހޭ ކަމަށް އީރާނުން ބުނަމުން ގެންގޮސްފައިވެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން ބައްޝާރުގެ ވެރިކަން ވައްޓާލައި ސޫރިޔާގެ އިދިކޮޅު ފަރާތްތައް ގަދަބާރުން ވެރިކަމަށް އައުމަށް އީރާން ފާޅުގައި ދެކޮޅު ހަދައެވެ.
މިސްރާއީ ތުރުކީއަކީ ބައްޝާރުލް އަސަދްގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ދެ ޤައުމެއް ނޫނެވެ. ނަމަވެސް ލިބިޔާގޮތަށް ބޭރުގެ ބާރުތައް ސޫރިޔާއަށް ވަދެ އެޤައުމުގެ ވެރިކަން ވައްޓާލުމަށް މި ދެ ޤައުމުވެސް ދެކޮޅު ހަދައެވެ. މިތިން ޤައުމުގެ ގުޅިފައިވާ ލަނޑުދަނޑިއަކީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއްގެނަސް ލޭއޮހޮރުވުންތައް ހުއްޓުވުމެވެ. އިއްޔެ ޤާހިރާގައި ބޭއްވި ބައްދަލުވުމުގައި މިތިން ޤައުމުގެ ޚާރިޖީ ވަޒީރުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ނަމަވެސް ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއްގެނަސް ލޭއޮހޮރުވުންތައް ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތަކެއް އެކަށައަޅުއްވާފައެއް ނުވެއެވެ.
މިބައްދަލުވުމަށްފަހު މިތިން ޤައުމުގެ ޚާރިޖީ ވަޒީރުން ނޫސް ވެރިންނަށް މައްލޫމާތު ދެއްވަމުން ވިދާޅުވީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއްގެނައުމުގެ ޕްލޭނެއް އެކަށައެޅުމަށްޓަކައި އަދި ބައްދަލުވުންތަކެއް ބާއްވާނެ ކަމުގައެވެ. މިއީ ފަސޭހަ ކަމެއްނޫންކަމަށްވެސް މިތިން ބޭފުޅުން ވިދާޅުވެފައިވެއެވެ. -- އަލްޖަޒީރާ