18 Sep 2012, 08:49
އެމްޑީޕީގެ އެންމެ އިސްލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ އަމިއްލަ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ވިލިއަމް ހޭގް އާ ބައްދަލު ކުރައްވައިފި އެވެ.
އެމްޑީޕީން ބުނި ގޮތުގައި އިނގިރޭސި ހާރިޖީ ވަޒީރާއެކު ނަޝީދު ބޭއްވި ބައްދަލުވުމުގައި ވެރިކަން ބަދަލުވިގޮތް ތަހްގީގު ކުރުމަށް އުފެއްދެއްވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓުގައި ލަފާދީފައިވާ ކަންތައްތައް އަމަލީ ގޮތުން ތަންފީޒް ކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައިވެ އެވެ.
އެ ބައްދަލުވުމުގައި ވިލިއަމް ހޭގް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް އިނގިރޭސި ވިލާތުގެ ފަރާތުން ކޮށްދެވެން ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަހީގިން ދެއްވާ އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާ ކުރައްވާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ފުރާވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އާއި ކޮމަންވެލްތްގެ ސެކެރަޓަރީ ޖެނަރަލްއާއި ބައްދަލު ކުރެއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
އެ ދަތުރުފުޅުގައި ކުރައްވާ އެކި ބައްދަލުވުންތަކުގެ ސަބަބުން މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު ހިނގަމުންދާ ގޮތް ސާފު ކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފަވެ އެވެ.