މައިލީގެ ނަން ހޮލީވުޑް ވޯކް އޮފް ފޭމްގައި ހިމަނައިފި
މައިލީގެ ނަން ހޮލީވުޑް ވޯކް އޮފް ފޭމްގައި ހިމަނައިފި

ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ ނަން ހޮލީވުޑް ވޯކް އޮފް ފޭމްގައި ހިމަނައި، މައިލީއަށް ޝަރަފުގެ ތަރި ދީފިއެވެ.

އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީގެ މިއަގުހުރި ކާމިޔާބީ ފާހަގަކުރުމަށް ލޮސް އެންޖެލިސްގައި ބޭއްވި މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ.

މައިލީގެ މިއުޒިކީ ކެރިއަރަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން މިއަހަރު 33 އަހަރު ފުރޭ ލަވަކިޔުންތެރިޔާ ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ވޭތުވެދިޔަ 20 އަހަރު ދުވަހު ސަޕޯޓަރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށް އިންސްޓަގްރާމްގައި ޖަޒުބާތީ މެސެޖެއް ހިއްސާކޮށްފައެވެ.

"އަހަރެން ދަންނަ އަދި ލޯބިވާ އެންމެހައި ފަރާތްތަކަށް، ރަހުމަތްތެރިންނަށް، އާއިލާއަށް އަދި އަހަރެންގެ ލޯބިވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިޔަ އެންމެންދެކެ އިންތިހާއަށް ލޯބިވޭ،" ހިތްގައިމު ފޮޓޯތަކަކާ އެކު މައިލީގެ މަޝްހޫރު ލަވަ "ފްލާވާސް"އަށް އިޝާރާތްކޮށް ލަވަކިޔުންތެރިޔާގެ މެސެޖުގައި ލިޔެފައިވެއެވެ.

މައިލީ ސައިރަސްގެ ނަން ލިޔެފައިވާ ހޮލީވުޑް ވޯކް އޮފް ފޭމް ބޯޑު ކައިރީގައި--ފޮޓޯ/އޭބީސީނިއުސް

ގްރެމީ އެވޯޑް ކާމިޔާބުކޮށްފައިވާ މައިލީ އަކީ ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރި ލިބުނު 2,845 ވަނަ ފަންނާނެވެ. އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަށް މަރުހަބާ ކިޔުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 3,500 އާއި 4,000އާ ދެމެދުގެ އަދަދަކަށް ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.

ހޮލީވުޑް ވޯކް އޮފް ފޭމް އަކީ ފިލްމީ ދާއިރާ، ޓީވީ، ރޭޑިއޯ، މިއުޒިކް ނުވަތަ ތިއޭޓަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މޮޅު ހިދުމަތްތަކެއް ކޮށްފައިވާ ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފެކެވެ.

މީގެ ކުރިން މި ޝަރަފު ލިބިފައިވާ ބައެއް މަޝްހޫރު ފަންނާނުންގެ ތެރޭގައި ހެރިސަން ފޯޑް، މެރިލިން މޮންރޯ، މައިކަލް ޖެކްސަން، ޓޮމް ހޭންކްސް އަދި ޑްވޭން ޖޯންސަން ހިމެނެއެވެ.

މައިލީ އެންމެފަހުން ނެރުނު ލަވަޔަކީ، "ޔަންގާ ޔޫ"ގެ ނަމުގައި ސަޕޯޓަރުންނަށް ގެނެސްދިން ލަވައެވެ. މި ލަވަ ފުރަތަމަ ބެލުންތެރިންނަށް ފެނިފައި ވަނީ ޑިޒްނީ ޕްލަސްއިން ދެއްކި "ހެނާ މޮންޓާނާ"ގެ 20 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޕްރޮގްރާމްގައެވެ.