ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ނުވަތަ އައިޔޫއައި މެދުވެރިކޮށް 100 ކުދިން އުފަންވުމުގެ ކާމިޔާބީ އެ ހޮސްޕިޓަލުން ފާހަގަކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި، ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސެންޓަރު ގާއިމުކުރީ 2023 ވަނަ އަހަރުގެ މެއި 29 ގައެވެ. އެ ސެންޓަރުން ވަނީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. އަދި މީގެ ސަބަބުން، މީގެ ކުރިން ރާއްޖޭން ބޭރަށް ގޮސް ބޮޑެތި ޚަރަދުތަކެއް ކޮށްގެން މި ފަރުވާ ހޯދަމުންދިޔަ ދެމަފިރިންނަށް ކުރިމަތިވި މާލީ އަދި ނަފްސާނީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ތިން އަހަރު ދުވަހުގެ ތެރޭގައި 100 ކުދިން އުފަންވުމުގެ މި ކާމިޔާބީއަކީ، ދިވެހި އާއިލާތަކުން އެ ސެންޓަރަށް ކުރާ އިތުބާރާއި، އެތަނުގެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާގެ ދާއިރާގައި ވެސް ހޯދުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އައިވީއެފް މެދުވެރިކޮށް 100 ވަނަ ކުއްޖާ އުފަންވުމަކީ ހަމައެކަނި އަދަދެއް ނޫނެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި 100 އާއިލާއެއްގެ އުންމީދުތައް ހަގީގަތަކަށް ވެގެންދިޔަ ކަމުގެ ރަމްޒެކެވެ.

ކޮންމެ ކާމިޔާބު ބަނޑުބޮޑުވުމަކާއި ކޮންމެ އުފަންވި ކުއްޖަކީ، އެ ސެންޓަރުގެ ސްޕެޝަލިސްޓުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުން އަދި އެހެނިހެން މުވައްޒަފުން ކުރަމުންދާ އިޚްލާސްތެރި މަސައްކަތުގެ ހެއްކެކެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ދަރިމައިވުމުގެ މައްސަލަތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. އަނީތާ ގޯރު ވިދާޅުވީ، 100 ކުދިން އުފަންވުމަކީ މުޅި ޓީމަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.

ކޮންމެ ކާމިޔާބު ވާހަކައެއްގެ ފަހަތުގައި ވަނީ ދަރިއަކު ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އާއިލާއެއް. މިފަދަ މުހިންމު ދަތުރެއްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ޝަރަފެއް,ޑރ. އަނީތާ ގޯރު

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެ ސެންޓަރުން ވަނީ ދަރިމައިވުމުގެ ފަރުވާގެ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމާ ގުޅޭ ތަހުލީލުތަކުގެ އިތުރުން ކޮންމެ ބަލިމީހަކަށް ވަކިން ބޭނުންވާ ޚާއްސަ ފަރުވާގެ ޕްލޭންތައް ވެސް ހިމެނެއެވެ.

މި ސެންޓަރުގެ ކާމިޔާބީ ބިނާވެފައި ވަނީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގައި ދަރިމައިވުމުގެ މައްސަލަތަކަށް ޚާއްސަ ޑޮކްޓަރުންގެ ތެރޭގައި ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަޙުމަދު އަދި ޑރ. ވަރުޝާ ރެންގަރާޖް ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ތާރީޚީ ކާމިޔާބީ ފާހަގަކުރަމުންދާއިރު، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރަނީ އޯގާތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި އައު ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕޓަލުން ވަނީ ބުނެފައެވެ.

އާއިލާއެއް ބިނާކުރުމުގެ މި މުހިންމު ދަތުރުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި ހުރިހާ އާއިލާތަކަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގިނަ އާއިލާތަކެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެ ހޮސްޕިޓަލް ދެމިއޮންނާނެ ކަމުުގެ ޔަގީންކަން ވަނީ ދީފައެވެ.