18 Sep 2012, 08:49
ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުން ވަރަށް ގިނައިން ދޮގު ހައްދަވާ ކަމީ އެންމެން ދަންނަ ކަމެވެ. (ދޮގު ހެދުމުގެ މާތް ގޮތަކީ އިތުރުފުޅު ހެއްދެވުމެވެ. އިތުރުފުޅު ހެއްދެވުމޭ އަޅުގަނޑު ނުލިޔުނީ ދޮގުހެދުން ކަހަލަ ބޮޑު ފާފައެއް މާތް ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ތާއީދު ކުރުމުގެ ގޮތުންނެވެ.) މިއީ ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް އޮންނަ ކަމެއް ކަމަށް ބުނެވެއެވެ. އެހެންވީމާ ރާއްޖެވެސް ތަރައްޤީ ވަމުން ދާތީ ތަރައްޤީގެ ތެރޭގައި ހިމެނޭ ކަމެއް ރާއްޖޭގެ ސިޔާސީ ބޭފުޅުން ކުރައްވަނީޔޯލައެވެ.
ދޮގު ހެދުމަކީ ސިޔާސީ ދާއިރާގައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވިފައި އޮންނަ ގައުމުތަކުގައި، ގައުމުގެ އެންމެ އިސް ވެރިޔާ ނުވަތަ އެހެންވެސް ދަރަޖަ މަތިވެރިވެގެންވާ ބޭފުޅަކު ދޮގެއް ހެއްދެވިޔަސް މާ ބޮޑު ކަމެއް ކަމަކަށް ނުހަދައެވެ. އެއީ ސިޔާސީ އުުކުޅުގެ ބަޔަކަށް ހަދާފައި ދޫކޮށްލަނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލައަށް ކިތަންމެ ވަރަކަށް ދޮގު ހެދިޔަސް އެހެން މީހަކު ދޮގެއް ހަދައިފިއްޔާ، އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރާ ބައެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ބޭފުޅުން ދޮގު ހެއްދެވީމާ ދިވެހިންނަށް ގަބޫލު ނުކުރެވޭ ސަބަބަކީ އެއީއެވެ.
ސިޔާސީ ބޭފުޅަކުވެސް އަދި އެހެން މީހަކުވެސް ދޮގެއް ހަދައިފިއްޔާ ދޮގެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރި ކަމުގައި ވިޔަސް ވަރަށް ވިޔާނުދާ ބައްޔެއް އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައި އެބަ އޮތެވެ. އެއީ ރުހޭ މީހާ ހަދާ ދޮގު ތެދު ކަމަށް ސާބިތުކޮށްދޭން މަސައްކަތް ކުރުމުގެ ބައްޔެވެ. ނުވަތަ އެ ވާހަކަ ނުދައްކައި ހިމޭނުން ތިބުމުގެ ބައްޔެވެ.
ރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ރާއްޖެއެކެވެ. ރާއްޖޭގެ ކަންތައްތައް ރަނގަޅު ވާން ނޭދޭނެ އެއްވެސް މީހަކު ދިވެހި ފަސްގަނޑުމަތީގައި ހުންނާނޭ ކަމަށް ގަބޫލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނަސް ނުވަތަ ނުކުރެވުނަސް، ސިޔާސީ ޕާޓީތަކާއި، ސިޔާސީ ޙަރަކާތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއަށް ވިޔާނުދާ ސިފަތަކެއް ފެތުރިގެން ހިނގައްޖެއެވެ. ނުވަތަ ދިވެހިންގެ ކިބައިގައި ފޮރުވިފައި ހުރި ވިޔާނުދާ ސިފަތަކެއް ފާޅު ވެގެން ޢާއްމު ވެގެން ހިނގައްޖެއެވެ. އޭގެ ތެރޭގައި މީސްމީހުންގެ އަބުރާ ބެހުމާއި، ޖާސޫސު ކުރުމާއި، ނެތި ނުބައި މޮށުން ހިމެނެއެވެ.
ސިޔާސީ ރޭހުގައި އެކަކަށްވުރެ ކުރިއަށް އަރާން މަސައްކަތް ކުރުމަކީ ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް އޮންނާނޭ ކަމެކެވެ. އެކަން ރާއްޖޭގައިވެސް އޮންނާނެއެވެ. އެބަ އޮތެވެ. ޕާޓީ ސިސްޓަމް އޮވެގެން ހިންގާނަމަ، ސަރުކާރު ހިންގާ ޕާޓީއަކާއި، އިދިކޮޅު ޕާޓީއެއްވެސް އޮންނާނެއެވެ. އިދިކޮޅު ޕާޓީއަކުން ސަރުކާރު ހިންގާ ޕާޓީއާ އެއްގަލަކަށް ނާރާނެއެވެ. މިއީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. އެހެންވީމާ އިދިކޮޅު ޕާޓީން ދޮގު ހަދައިގެން ވިޔަސް ސަރުކާރުގެ އަގު ވައްޓައިލެވޭތޯ ބަލާނެއެވެ. ސަރުކާރުން އަބަދުވެސް ބަލާނީ ސަރުކާރާ ދެކޮޅު ހަދާ ބަޔަކު އެއީ ގައުމު ހަލާކު ކުރަން އުޅޭ ބައެއް ކަމަށް ދެއްކޭތޯއެވެ. ދޮގު ހަދައިގެންވެސް އެކަން ކުރެވޭތޯ ބަލާނެއެވެ. މިއީ މިހާރު ތަޖުރިބާއިންވެސް އަޅުގަނޑުމެންނަށް އެނގިފައިވާ ކަމެކެވެ. އަދި އެނގެމުންދާ ކަމެއް މެއެވެ.
ލީޑަރުންގެ ދޮގު ހެއްދެވުމުގެ ސަބަބުން ގެއްލުން ވަނީ ކޮން ބަޔަކަށްތޯ ވިސްނައިލުމަކީ މުހިއްމު ކަމެކެވެ. އިދިކޮޅު ޕާޓީއަކުން ދޮގު ހަދައިގެން ރައްޔިތުން ހައްލައިލައިގެން ސަރުކާރު ބަދަލު ކޮށް ލެވިދާނެއެވެ. ސަރުކާރުން ދޮގު ހަދައިގެން އިދިކޮޅު ޕާޓީއެއްގެ އަގު ވައްޓައިލެވިދާނެއެވެ. ލީޑަރުން ހައްދަވާ ބޮޑެތި ދޮގުގެ ވާހަކަ ގާތް މީސްމީހުން ދެއްކީމާ ވިދާޅުވަނީ އެއީ ގައުމަށްޓަކައި އިޚްލާސްތެރިކަމާއެކު ހައްދަވާ ދޮގު ކަމުގައެވެ. އިޚްލާސްތެރިކަމާއެކީގައި ކުރެވޭ ބޮޑެތި ފާފަވެސް ހުންނަނީތާއެވެ!
ލީޑަރުން ހައްދަވާ ދޮގުގެ ސަބަބުން އެބޭފުޅުން ބޭނުންފުޅުވާ މަގްސަދެއް ހާސިލު ވެދާނެއެވެ. އެއީ ފައިދާއެއް ކަމަށް ބެލެވިވެސް ދާނެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ލިބެނީ ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބު ދަންނަވައިލާނަމެވެ. ދޮގު ހައްދަވައިގެން ވެރި ކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އޮންނާނީ އެ ބޭފުޅަކަށް ތާއީދު ކުރާ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަން ވަރަށް ރަނގަޅަށް ދަސްވެފައެވެ. ކުރައްވަން ޖެހޭ ކަމަކީ ދޮގު ހެއްދެވުން ކަމަށް ޔަގީންވެ ވަޑައިގެންފައެވެ. އެހެންވީމާ ވެރިކަމުގައި ހުންނަވައިގެންވެސް ދޮގު ހެއްދެވުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެފަދަ ވެރިއަކު ގަބޫލުފުޅު ކުރައްވާނެއެވެ. ހުސްބުޅީގައި ގަންނަ ކަމުގައި ވަނީނަމަ، އެން ބޭކާރު ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ.
ލީޑަރުން ރަނގަޅު ވުމަކީ އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. މިވެނި ބޭފުޅަކު އަބަދުވެސް ހައްދަވާނީ ދޮގޭ، އެވެނި ބޭފުޅަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ދޮގުވެރިޔާއޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކުރާނޭ ފައިދާއެއްވެސް ނެތެވެ. ލީޑަރުން ދޮގު ހައްދަވަނީ އަޅުގަނޑުމެން އެ ދޮގުތައް ގަބޫލު ކުރާތީއެވެ. އެހެންވީމާ އަޅުގަނޑުމެން ފަރުދީ ގޮތުންވެސް އަދި ޖަމާޢަތެއްގެ ގޮތުގައިވެސް ކުރަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ކިތަންމެ ލޯބިވާ މީހަކު ނަމަވެސް، ކިތަންމެ ބޮޑަށް ތާއީދުކުރާ މީހަކަށް ވިޔަސް، ދޮގެއް ހަދައިފިއްޔާ ގަބޫލު ނުކުރާނެ ކަން ދެއްކުމެވެ. މީގެ މާނައަކީ ތާއީދުކުރާ ބޭފުޅަކަށް ތާއީދު ކުރުން ހުއްޓާލުމެއް ނޫނެވެ. އެ ބޭފުޅަކަށް ތާއީދު ކުރަންވީއެވެ. ތާއީދު ހޯދަން މަސައްކަތްވެސް ކުރަންވީއެވެ. އެކަމަކު ދޮގު ހެދުމަކީ ގަބޫލު ކުރާނެ ކަމެއް ނޫންކަން ސާފު ބަހުން ދެންނެވުމަށް ފަހު ޢަމަލުންވެސް އެކަން ދައްކަންވީއެވެ.
މިއީ ކިހިނެއް ކުރެވޭނެ ކަމެއްތޯއެވެ؟ އަޅުގަނޑުގެ ޚިޔާލެއް އެބައޮތެވެ. ރަށްރަށުގައި ކުދިކުދި ޖަމާޢަތްތައް ހަދައިގެން ރައްޔިތުން ހޭލުންތެރި ކުރުވޭތޯ މަސައްކަތް ފަށަންވީއެވެ. ދޮގު ހެދީމާ ގަބޫލު ނުކުރުމުގެ ރޫޙު އަށަގަންނުވަން މަސައްކަތް ކުރަންވީއެވެ. މިއީ ލަސްލަހުން ކުރިއަށް ދާނެ މަސައްކަތަކަށް ވެދާނެއެވެ. އެކަމަކު މިއީ ކުރެވިދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީނެވެ. އެކަމަކު ޝަރުޠަކާ އެކީގައެވެ. އެ ޝަރުޠަކީ ދޮގު ހެދީމާ ގަބޫލު ކޮށްގެން ތިބޭ އާދައިގެ މީހުން އެއީ މާ ނުބައި ބައެއް ކަމަށް ދައްކަން މަސައްކަތް ނުކުރުމެވެ. އަދި އެ މީސްމީހުން ތާއީދުކުރާ ލީޑަރަކީ ބޮޑު ޝައިޠާނެއް ކަމަށް ދައްކަންވެސް މަސައްކަތް ނުކުރުމެވެ. މިފަދަ ކަމެއް ކޮށްފިނަމަ، ދައްކާ ވާހަކަ އަޑު އަހަން މީހުން ދެކޮޅު ހަދަން ފަށައިފާނެއެވެ. ވޯޓަކީ ބާރުގަދަ އެއްޗަކަށް ވަނީ ވޯޓުލާ މީހާގެ ބާރުގެ ދަށުގައި އެ ވޯޓު އޮތީމައެވެ. މީހަކު އައިސް އުޑުން ތަރި ބާލައި ދީގެން، ހެއްދެވިހައި ދޮގެއް ހަދައިގެން ދަމައިގަނެވޭ އެއްޗަކަށް ވެއްޖެ ނަމަ އެ ވޯޓަކީ މާ ބާރު ގަދަ އެއްޗަކަށް އެބަ ވޭތޯއެވެ؟ ވޯޓުގެ ބާރުގަދަ ވާނީ މަކަރު ހަދައިގެން އަތުނުލެވޭ ވަރުގެ އެއްޗަކަށް ވީމައެވެ. ބަޔަކު މަސައްކަތް ކޮށްގެން މިކަން ރައްޔިތުންގެ ސިކުނޑިއަށް ވައްދައިދޭންވީއެވެ. އޭރުން ދޮގެއް ހަދައިފިއްޔާ ގަބޫލު ނުކުރާނަމޭ ބުނާކަށް އެކަކުވެސް ޖެހިލުމެއް ނުވާނެއެވެ.