05 Sep 2010, 09:46
14:48
ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނެސްފައިވާ 6.8 މިލިއަން ރުފިޔާގެ ބާ ކޮޅުވެއްޓީގެ މައްސަލާގައި ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ޝަރީއަތަށް ހުށަހެޅުމަށް އެމައްސަލަ އެންޓިކޮރަޕްޝަންސް ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ނައިބް ރައީސް މަޢައްވިޒު ރަޝީދު މިއަދު ވިދާޅުވީ ވޭސްޓް މޭނޭޖްމަންޓް ސެކްޝަނަށް ގެނެސްފައިވާ އެ ކޮޅުވެއްޓީގެ މައްސަލާގައި ދެ ކަމެއްގައި ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މަގާމުގެ ނާޒާއިޒް ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން އެކަމުގައި އޭރު އިސްކޮށް އުޅުނު އިސްމާއީލް އަބްދުލް ހަމީދު އަމަލްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލާގައި ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއުޅަނދު ގަތުމަށް ކުރި ހަރަދު ޖުމްލަ ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު އޭނާގެ އަތުން ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދިނުމާ ދިނުމާ ގުޅިގެން މިދިޔަ މަހުގެ 22 އޮގަސްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
ސިންގަޕޫރުގެ ކުންފުންޏަކާ އެކު ކޮށްފައިވާ އެގްރިމަންޓެއްގެ ދަށުން ވޭސްޓު މެނޭޖްމެންޓް ސެކްޝަނަށް ގެނެސްފައިވާ އެ ކޮޅުވެއްޓީގެ މައްސަލާގައި ކޮރަޕްޝަން ހުއްޓުވުމާ ކޮރަޕްޝަން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ފަރާތުން އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި މައްސަލާގައި އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ބަޔަކަށް ނާޒާއިޒު ފައިދާ ހޯދާދީފައިނުވާނެ ކަމަށް ހަމީދު ވަނީ ބުނެފަ އެވެ.