ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ހިމެނޭ ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ ހަތް ވަނަ ދުވަހުގެރޭ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހ. މެރީގޯލްޑްވިލާއިން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އުމުރުން 50 އަހަރުގެ ފިރިހެން މީހާ އާއި އުމުރުން 47 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އެ ގޭތެރެ އިން ހައްޔަރުކުރި 48 އަހަރުގެ އަންހެން މީހާގެ ބަންދަށް ފުރަތަމަ ޖެހި 10 ދުވަހަށްފަހު އަދި މުއްދަތު އިތުރުކޮށްފަ އެއް ނުވެ އެވެ.

އެ މައްސަލައިގެ އިތުރުން ހ. ތޮއްޑޫގެއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ދެ މީހުންނަށް ވެސް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކަކީ ސިފައިންގެ މީހެކެވެ. އެކަން ސިފައިން ވެސް ކަށަވަރު ކޮށްދެ އެވެ. އަދި އޭނާގެ ގެއިން މަސްތުވާތަކެތި ފެނިފައިވާއިރު، އޭނާ މަސައްކަތް ކުރާ ކޯސްޓްގާޑްބިލްޑިން ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސަން އޮންލައިނަށް އަށްވަނީ މައުލޫމާތު ލިބިފަ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބުދުއްރަހީމް އަބުދުއްލަތީފް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

"އެ މައްސަލައިގައި ސިފައިންގެ މުވައްޒަފެއް ހައްޔަރުކުރި. މިހާރު ފުލުހުން މައްސަލަ ބަލަމުންދާތީ ދެންނެވެން އޮތީ އެވަރަށް،" އަބުދުއްރަހީމް ވިދާޅުވި އެވެ.