ދަވްޙާ (ސެޕްޓެމްބަރ 17) : ކީރިތި ރަސޫލާ އަށް އިހާނާތްކޮށް އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ އަކީ ނައްތާލަންޖެހޭ ކެންސަރެއް ކަމަށް ސިފަކޮށް އެމެރިކާގައި އުފައްދާފައިވާ ފިލްމާ ދެކޮޅަށް ދުނިޔޭގެ މުސްލިމުން ކުރާ އިޙްތިޖާޖްތައް ހުއްޓުމެއްނެތި އަދިވެސް ކުރިޔަށް އެބަދެއެވެ.

މިފިލްމާ ދެކޮޅަށް މިއަދު އިޙްތިޖާޖްކުރި ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، އިންޑޮނީޝިޔާ، ޕާކިސްތާން، އީރާން، ތޫނިސް އަދި ސޫދާން ހިމެނެއެވެ. މި ޤައުމުތަކުގެ ވެރިރަށްރަށާއި އެނޫން ބައެއް ރައްތަކުގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ މިފިލްމު އުފެއްދި ފަރާތްތަކަށާއ އެމެރިކާއާ ދެކޮޅަށް އަޑުއުފުލައި އެމެރިކާގެ ދިދަ އެންދުންފަދަ ޢަމަލުތައް ހިންގާފައިވެއެވެ.
ތެހެރާންގައި މިފިލްމާ ދެކޮޅަށް އަޑުއުފުލި އީރާނުގެ ރައްޔިތުންބުނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޮތެއް ނެރުނު ސަލްމާން ރުޝްދީ މެރުމަށް 1989 ގައި އެޤައުމުގެ އިސްލާމީ އިންޤިލާބީ ޒަޢީމް އާޔަތުﷲ ޚުމައިނީ ނެރުއްވި ފަތްވާ ތަންފީޒު ކުރިނަމަ ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ އަށް އިހާނާތްކޮށް މިހާރު ފިލްމު އުފެއްދި ފަރާތްތަކަށް އެކަންކުރަން ނުކެރޭނެ ކަމަށެވެ. މިފަތްވާ ތަންފީޒުކޮށް މިއާއެއްފަދަ އެހެން ފަތްވާއެއް މިފިލްމު އުފެއްދި މީހުންނާ ދެކޮޅަށް ނެރުމަށް އީރާނުގެ ވެރިންނަށް ތެހެރާންގައި މުޒާހަރާކުރި މީހުން ގޮވަލާފައިވެ އެވެ.

މީގެއިތުރުން ހުޅަނގުގެ ބައެއް ޤައުމުތަކުގައިވެސް މިފިލްމާ ދެކޮޅަށް މުސްލިމުން އިޙްތިޖާޖްކުރުމަށްޓަކައި މިއަދު މަގުތަކަށް ނުކުމެފައިވެ އެވެ. މުސްލިމުންގެ މި އިޙްތިޖާޖްތަކާ ގުޅިގެން އެމެރިކާވަނީ ތޫނިސް އާއި ސޫދާން އަދި ޕާކިސްތާން ފަދަ އިސްލާމީ ބައެއް ޤައުމުތައް ދޫކޮށް ދިޔުމަށް އެމެރިކާގެ ރައްޔިތުންނަށް އަންގާފައެވެ. އަދި އެމެރިކާގެ އެންބަސީތައް ޙިމާޔަތްކުރުމަށް އެމެރިކާވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. -- އަލްޖަޒީރާ