25 May 2026, 12:21
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ބައެއް ބަދަލުތައް ގެނެސް، ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް އިއްޔެ އެ ޕާޓީން ދީފިއެވެ.
އެ ޕާޓީން އިއްޔެ ކުރި އިއުލާނުގައި ވަނީ، ޝަކުވާ ހުށަހަޅަން ހުޅުވާލީ ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާއާއި ރީރަޖިސްޓްރޭޝަނާ ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.
އެ ބަދަލުތަކަށް ޝަކުވާ ހުށަހެޅެނީ، އަންނަ ބުދަ ދުވަހުގެ 14:00އާ ހަމައަށްފޯމުމެދުވެރިކޮށެވެ.
އެމްޑީޕީން ބުނީ، މި ފުރުސަތުގައި ހުށަހެޅޭނީ ކުރިން ހުށަހަޅާފައިނުވާ ޝަކުވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ޗެއާޕާސަން އިންތިޚާބަށް އެމްޑީޕީގެ އެތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެ އިންތިޚާބު އަންނަ މަހު 12ގައި އޮންނައިރު، އެ އިންތިޚާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 22ގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.
އެންމެ ފޯރިއާއެކު މި މަގާމަށް ވާދަ ކުރައްވަމުން ގެންދަވަނީ, ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މީކާއިލާއި ނަޝީދު ވަރަށް ވާދަވެރިކޮށް ކެމްޕެއިންގައި އުޅުއްވާއިރު، ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދުކުރައްވަމުންނެވެ.
ޗެއާޕާސަން ކަމަށް ނަޝީދަށް ތާއިދުކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަމަށްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުންނެވީ މީކާއިލާއެކުގައެވެ.