17 Sep 2012, 20:30
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުން ދައުވަތު އަރުވައިފި އެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ނެރުނު އިންޑިއާ އާއި ރާއްޖޭގެ ގުޅިފައިވާ ބަޔާނުގައި ބުނީ ޑިފެންސް މިނިސްޓަރު ނާޒިމު އިންޑިއާއަށް ވަޑައިގެންނެވުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ދައުވަތު އެރުއްވެވި ކަމަށާއި އެ ދައުވަތު މިނިސްޓަރު ނާޒިމު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ ދެގައުމުގެ ދެމެދުގައި ޑިފެންސް ދާއިރާގައި އޮތް ގުޅުން ބައްލަވައި މުރާޖައާ ކުރެއްވި ކަމަށާއި އެގޮތުން އިންޑިއާގެ އެހީގައި ރާއްޖޭގައި ފަށާފައިވާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެއްލެވި ކަމަށް ވެސް ބަޔާނުގައި ވެއެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާ މެދު ހިތްހަމަ ޖެހޭ ކަން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވެސް އޭގައި ވެއެވެ.
އަދި ޑިފެންސް މިނިސްޓަރު އެންތަނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް ރާއްޖޭން މަރުހަބާ ކިޔައި އަދާކުރެއްވި މެހުމާންދާރީއަށް ޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް ގުޅިފައިވާ ބަޔާނުގައި ވެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ ދަުތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގާއިމް ކުރި މިލިޓަރީ ހޮސްޕިޓަލް ސެނަހިޔާ ހުޅުވައިދެއްވައި ޅ. މާފިލާފުށީގައި ގާއިމްކުރާ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވި އެވެ.
މިނިސްޓަރު އެންތަނީ މިއަދު ހެނދުނު ރާއްޖޭން ފުރާވަޑައިގެންނެވި އިރު އޭނާއަށް އަލްވަދާއު ވިދާޅުވުމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އިންޑިއާ ހައިކޮމިޝަނަރު ޑީއެމް މުލޭއާއި އެމްއެންޑީއެފްގެ އިސް ބައެއް ބޭފުޅުން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެ އާޕީޓަށް ވަޑައިގެންނެވި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކާ އެންތަނީ ރާއްޖެ ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ.