ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިއަދު ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އެ އޮފީހަކުން ނުދެއެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސިންގަޕޫރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. އަދި، ހަތަރުވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ.

އެންމެ ފަހުން ރައީސް ސިންގަޕޫރަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހެވެ. ހަ ދުވަހުގެ ނިޔަލަށް ކުރެއްވި އެ ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގަތީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ.

އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ 29އިން ފެށިގެން މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވާފައި ވެސް ވެއެވެ.

ވެރިކަމަށް ވަޑައިގެންފަހުން އެމަނިކުފާނު އެންމެ ގިނައިން ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ސިންގަޕޫރަށެވެ.