25 May 2026, 07:58

ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ރުކްމިނީ ވަސަންތުގެ ފޭކް ފޮޓޯތަކެއް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާތީ އެކަން ކުރި ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބަތަލާ ދީފިއެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު މަޝްހޫރު ފިލްމު "ކަންތާރާ"ގެ ބަތަލާ ރުކްމިނީ ބުނި ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޭނާގެ ފޮޓޯތަކަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ފޮޓޯތަކެކެވެ.
އެ ފޮޓޯތައް އުފެއްދި ބަޔަކު ބަތަލާ ދައްކުވައިދީފައި ވަނީ ނިވާކަންކުޑަ ހެދުންތަކުގައި ކަމަށާއި މިކަމާ ގުޅިގެން ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރުކްމިނީ ވަނީ ބުނެފައެވެ.

އޭއައިގެ އެހީގައި ދެކުނު އިންޑިއާގެ ބަތަލާ ރުކްމިނީގެ ބޭއަދަބީ ފޮޓޯތަކެއް ވައިރަލްކުރުމާ ގުޅިގެން ބަތަލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ހަފުތާގެ ކުރީކޮޅު ސޯޝަލް މީޑިއާގައި އާންމުވި މި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ، ރުކްމިނީއާ ވައްތަރު އަންހެނަކު ފެންވަރާ ފެންގަނޑެއްގެ ކައިރީގައި ފޮޓޯޝޫޓެއް ނަގަމުންދާ މަންޒަރެވެ. މި ތަކެތި އާންމުވުމާ އެކު އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކަށް ހީވެފައި އޮތީ އެއީ އަސްލު ފޮޓޯތަކެއް ކަމަށެވެ.
މިކަމާ ގުޅިގެން އުމުރުން 29 އަހަރުގެ ބަތަލާ ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފަދަ ގޮތަކަށް މީހުންގެ ސޫރަ ބަދަލުކޮށްގެން ފޮޓޯ އުފައްދައި ދައުރުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، އެއީ މީހެއްގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

ރުކްމިނީ ފިލްމު "ކާންތާރާ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މިކަން ކުރި ބަޔަކާއި، އެ ފޮޓޯތައް ފަތުރާ މީހުންނާ ދެކޮޅަށް ގާނޫނީ ގޮތުންނާއި ސައިބަ ކްރައިމް އުސޫލުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.
ރުކްމަނީގެ އެފަދަ ކޮންޓެންޓްތައް ފެނިއްޖެނަމަ އެ ކޮންޓެންޓް ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް ބަތަލާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
ދެކުނު އިންޑިއާގެ މަގުބޫލު ފިލްމުތައް ކަމަށްވާ "ކިންގްޑަމް" އަދި "ބަގީރާ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓްމަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޓޮކްސިކް"ގެ ރޯލަކުންނެވެ.