މިރޭ ދަންވަރު ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފަށާނެ ކަމަށާއި، ހުރިހާ އިންތިޒާމުތަކެއް ވެސް ހުރީ އެންމެ ފުރިހަމައަށް ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިރޭ މައްކާގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާނެ ކަމަށެވެ. އަދި މާދަމާ ރޭ ޢަރަފާތަށް ދަތުރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެންމެހާ ހައްޖުވެރިންނަށް މިނިސްޓަރު ވަނީ ހެޔޮ ދުއާ ކުރައްވާފައެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަންއިން ދަނީ ދެމުންނެވެ. އެގޮތުން މިނާއާއި ޢަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ޙައްޖު މިޝަންއިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންކަމަށާއި، ދިވެހި ސަރުކާރުން އަބަދުވެސް ޙާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާއެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.