ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދާފައި އޮތް އޭޑީސީގެ 27 ޑޮލަރުގެ މައްސަލަ އާއި ސިންގަޕޫރުގެ ހައިކޯޓުން ނެރެފައިވާ އަމުރުގެ މައްސަލައިގައި، ސުޕްރީމް ކޯޓަށް މިއަދު ވެއްދި މައްސަލައިގައި ސަރުކާރަށް ކުރި ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވި އިންޓަވިއެއްގައި ބަންޑާރަ ނައިބު މިއަދު ވިދާޅުވީ ޖީއެމްއާރާއި އެމްއޭސީއެލްއާ ދެމެދު ސިންގަޕޫރުގެ އާބިޓްރޭޝަންގައި އޮތް 27 ޑޮލަރުގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ކުރަން ޖެހޭ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެ މައްސަލަ ރާއްޖޭގެ ކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް އެމްއޭސީއެލްގެ ރާއްޖޭގެ ލޯޔަރުންނާއި ސިންގަޕޫރުގެ ލޯޔަރުން ވެސް ލަފާދެއްވާފައިވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ މިއަދު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް ސަރުކާރުގެ ކޮޅަށް އެ މައްސަލަ ނިމިއްޖެނަމަ، ޖީއެމްއާރުގެ އެގްރިމަންޓްގެ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިޔުމަށް ސިންގަޕޫރުގެ ހައިކޯޓުން ނެރެފައިވާ އަމުރު ސިންގަޕޫރުގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު މިކުރަނީ ދައުލަތަށް ވިން ވާނެ ކަމަށް އެގޮތަށް އެ އަމުރު ނުނެރުއްވޭނެ ކަމަށް، އޭރުން އެ މައްސަލަ ހައިކޯޓުގެ ކޯޓު އޮފް އެޕީލްއަށް ދާނެ، މުޅި މައްސަލައިގައި މި ގޮތަށް ނިމިއްޖެ ކަމުގައި ވާނަމަ އަދި އާބިޓްރޭޝަނުން މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑު، އަދި އާބިޓްރޭޝަންގެ މައްސަލަ މުޅިން ނުނިމުނަސް ވަގުތީ އަމުރުގެ މައްސަލަ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިމިއްޖެނަމަ، މުޅި ޖީއެމްއާރުގެ އެގްރިމަންޓްގައި ދައުލަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އެގޮތައް ނިމިގެން ދިޔުމުން 25 ޑޮލަރު ކަނޑަން ކުރީގެ ސަރުކާރުން ހުއްދަދީފައި ހުރި ސިޓީތަކާއި ތެލުގެ ކޮންސެޝަންފީގެ މައްސަލައިގައި ސަރުކާރުން ޖީއެމްއާރަށް ލުއި ދީފައި ހުރި ސީޓީތަކުގެ މައްސަލަތައް ވެސް ރާއްޖޭގެ ކޯޓުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށާއި އެ މައްސަލަތައް ވެސް ސަރުކާރުގެ ކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"މިހާރު އޮތް ވަގުތީ އަމުރުގެ ކަންތައްތައް ވެސް ނިމުނީމަ ރާއްޖޭގެ ކޯޓުތަކަށް މިހާރު ހުށަހެޅިފައި ހުރި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސަލީމްގެ މައްސަލަ އާއި ތައްޔާރަށް އޮތް މުހަންމަދު ޝިހާބުގެ މައްސަލަ އާއި އިނާޒު ދެއްވާފައި އޮތް ސިޓީގެ މައްސަލަތައް ހިނގައިގަންނާނެ، ހިނގައިގަތީމަ ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ،" އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިންގަޕޫރުގެ ހައިކޯޓުގެ އަމުރުގެ މައްސަލައިގައި ސުޕްރީމްކޯޓަށް ދާން ޖެހުނީ ވެސް ރާއްޖޭގައި މިހާތަނަށް ކަންކޮށްފައި އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު އާއި ބޭރު ގައުމުތަކުގައި ވެސް މި ފަދަ މައްސަލަތައް ކުރިއަށްދާތީ އެ މައްސަލައަށް ގެއްލުމެއް ލިބިދާނެތީ ކަމަށެވެ.

އެ މައްސަލައިގައި ސިޔާސީ އެކި ފަރާތްތަކުން ބަންޑާރަ ނައިބަށް ކުރިމަތި ކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާ އާޒިމާ ވިދާޅުވީ ޖީއެމްއާރުގެ މައްސަލައަކީ ވަކި މިނިސްޓަރަކަށް ނިންމޭނެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައިގައި ސިޔާސީ ޕާޓީތައް ބޭނުންވާ ގޮތަށް ކޮންޓްރެކްޓް ނިންމުމަކަށް ގެނައުމަށް ނިންމަންޖެހޭނީ ކެބިނެޓުން ފާސްކޮށްގެން ކަމަށެވެ.

"އަޅުގަނޑު މިހުރީ ހަމަ ތައްޔާރަށް ކެބިނެޓުން ނިންމަވައިގެން އެ އެގްރިމަންޓް މިހާރުން މިހާރަށް ޓާމިނޭޓް ކުރަން، އަޅުގަނޑު ވަގުތުން އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނަން، ނިންމަވާފައި އަންގަވަންވީ ޓާމިނޭޓް ލެޓާ ފޮނުވަން،" އާޒިމާ ވިދާޅުވި އެވެ. އަދި އެ ނިންމުން ނިންމާއިރު ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ، ފައިސާގެ ތަފްސީލުތަކާއި ހިސާބުތައް ފިނޭންސް މިނިސްޓަރު އަތުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖީއެމްއާރުގެ މައްސަލައިގައި އާޒިމާ އަމިއްލަފުޅަށް ދެކިވަޑައިގަންނަވާ ގޮތް ފާޅުކުރައްވަމުން ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުމަކީ އިނގިރޭސި ގާނޫނުގެ ދަށުން ހެދިފައިވާ އެއްބަސްވުމަކަށް ވުމުން އެކަމުގައި ވިސްނަން ޖެހޭނީ ދައުލަތަށް އެންމެ ގެއްލުން ކުޑަ ގޮތެއްގައި އެ މައްސަލަ ހައްލުކުރުމަށް ކަމަށާއި އެކަމުގައި އަވަސް އަރުވާލައިގެން އުޅެގެން ފަސޭހަ ހައްލެއް ނުލިބޭނެ ކަމަށެވެ.

"މިހާރުވެސް މި ކުރިއަށް ގެންދިޔަ ގޮތަށް މިކަން ކުރިއަށް ގެންގޮސްފިއްޔާ ފައިސާ ނުދައްކާ ނޫނީ އެންމެ ކުޑަކޮށް ފައިސާ ދައްކައިގެން އެއްބަސްވުމުން ނުކުތުމުގެ ފުރުސަތު ބޮޑުވާނެކަން، މީގައި ނިމޭނީ ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންގެ ޕްރޮފެޝަނަލުން، ގާނޫނީ ވަކީލުން އިގުތިސޯދީ މީހުން ކޮންމެ ގޮތަކަށް އަޅުގަނޑުމެންގެ އޮޕީނިއަން ހުރިކަމަށްވިޔަސް މިކަމުގައި ގޮތެއް ނިންމާނީ ސަރުކާރުން، އަޅުގަނޑުމެން އޭރުން އެގޮތަކަށް ކުރިއަށް ގެންދާނަން."