އައްޑޫ މީދޫއިން، ހައްޔަރު ކުރި ދެ މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ބަންދުކުރީ، ސ. މީދޫއަށް ނިސްބަތްވާ އީޖާޒް ނަޢީމާއި ސ. ހިތަދޫ ނިސްބަތްވާ އަބްދުﷲ ޢަމީލެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހެވެ.

މިގޮތުން، ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.