24 May 2026, 15:09
ހުޅުމާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓާ ދިމާ ޖެޓީ ކައިރިން ގިނަ އަދަދެއްގެ ބަނގުރަލާ އެކު ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދޯދިލް/ ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި ގުލްފާމްގެ/ ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެވެ. ދެ މީހުން ވެސް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ފުލުހުން ބުނީ، އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ މީހުން ގެންގުޅު ކޮތަޅެއްގެ ތެރެއިން ދެ ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އެއީ، 48 ފުޅި ބަނގުރަލެވެ.
ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޭރީބްރައުންއާ ދިމާ ފަޅުތެރެއަކީ ގިނަ އަދަދެއްގެ ސަފާރީ ވެސް އަޅާފައި އޮންނަ ސަރަހައްދެކެވެ. އެހެންވެ، އެފަދަ ބައެއް ސަފާރީތަކުން ގަވާއިދާ ޚިލާފަށް ރަށުތެރެއަށް ބަނގުރާ އަރުވާ ކަމަށް ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.